ދުނިޔެ

އިޒުރޭލަށް އަވަސްއަރުވާލައިގެން މުބްނާނަށް އަރާކަށް ނުކެރޭނެ: ޕެންޓަގަން

Sep 26, 2024

އިޒުރޭލުން އެއްގަމު މަގުން ލުބްނާނަށް އަރައިގަތުން ނޫސްތަކުގައި ސިފަކޮށްފައި އޮންނަހާ ފަސޭހަނުވާނެ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަނުން ބުނެފި އެވެ. އަދި އެއީ އެހާ އަވަހަށް ކުރެވިދާނެ ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް ޕެންޓަގަނުން ބުންޏެވެ.

ޕެންޓަންގެ ތަރުޖަމާން ސަބްރީނާ ސިންގް ވިދާޅުވި ގޮތުގައި ލުބްނާނަށް ވަދެގަތުމަކީ އެމެރިކާއާ މަޝްވަރާކޮށްގެން އިޒުރޭލުން ކުރާ ކަމެއް ނޫނެވެ. އެހެންކަމުން އިޒުރޭލުގެ ރޭވުންތައް ހުރި ގޮތް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.

އިޒުރޭލުން ވަކި އެއްޗެއް އަންގަންދެން އެމެރިކާ މަޑުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ސަބްރީނާ ވިދާޅުވި ގޮތުގައި ރަނގަޅު ގޮތަކަށް ވާނީ ލުބްނާނަށް ވަދެގަތުމާ ބެހޭ ގޮތުން އިޒުރޭލުން ބުނާ އެއްޗެއް އަޑުއެހުން ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްލަހަތު ގޯސްވެ މުޅި މެދުއިރުމަތީގައި ހަނގުރާމަ ކުރުމަކީ އެމެރިކާ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

ޣައްޒާ ހަނގުރާމައިގައި އެމެރިކާއިން އިޒުރޭލަށް ވަރަށް ބޮޑަށް އެހީތެރިވިކަން ދުނިޔެއަށް އެނގޭ ކަމަށް ނޫސްވެރިޔަކު ބުންޏެވެ. ލުބްނާނަށް ހަމަލާދިނުމުގައި އެމެރިކާގެ ދައުރަކީ ކޮބައިތޯ ސުވާލުކުރުމުން ސަބްރީނާ ވިދާޅުވީ، އެމެރިކާގެ އެއްވެސް އެހީތެރިކަމެއް އެކަމުގައި ނޯންނާނެ ކަމަށެވެ.

އެމެރިކާގެ ޖާސޫސުންނާއި އިންޓެލިޖެންސް މެދުއިރުމަތީގައި އޮތްއިރު އިޒުރޭލަށް އެހީތެރިވުމުގައި ހަރަކާތްތެރިނުވޭތޯ ސުވާލުކުރުމުން ވެސް އޭނާ ވިދާޅުވީ އެހީ ނުވާ ކަމަށެވެ.

އެމެރިކާ ސިފައިން މެދުއިރުމަތީގައި ތިއްބެއް ކަމަކު އިޒުރޭލާ އެކު ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެމެރިކާއިން މެދުއިރުމައްޗަށް ސިފައިން ފޮނުވަނީ ހަނގުރާމަ ކުރަން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

މެދިއިރުމަތީގައި ތިބީ އެމެރިކާގެ ކިތައް ސިފައިންތޯ ކުރި ސުވާލަށް ސަބްރީނާ ވިދާޅުވި ޔަގީންކަމާ އެކު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ހިޒުބުﷲ އާއި އިޒުރޭލާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކުގައި ލުބްނާނަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. ހިޒުބުﷲގެ ރޮކެޓަކުން އިޒުރޭލަށް މަދު ފަހަރެއްގައި ގެއްލުމެއް ލިބުނު ނަމަވެސް، ހަނގުރާމައިގައި ބޮޑު ގެއްލުމެއް ތަޖުރިބާކުރަން ޖެހޭނީ ލުބްނާނަށެވެ.