ރައްޔިތުންގެ މަޖިލިސް

އަންހެނުން ކޮމިޓީގެ ރައީސާއިންނަށް ކައުންސިލްގެ ގޮނޑިދޭ އިސްލާހު ބޭރުކޮށްލައިފި

އިދާރާތައް ލާމަރުކަޒީ އުސޫލުން ހިނގުމުގެ ގާނޫނަށް އިސްލާހު ގެނެސް، އަންހެނުން ކޮމިޓީގެ ރައީސުންނަށް ރަށު ކައުންސިލްގެ ގޮނޑިއެއް ލިބޭގޮތަށް ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި އެވެ.

ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި މި ބިލު ފާސްވުމަށް 31 މެމްބަރުންގެ ވޯޓު ބޭނުންވާ އިރު އެއިސްލާހަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. ދެން ތިބި 36 މެމްބަރުންގެ ވޯޓު ދެއްވީ ބިލު ބޭރުކޮށްލުމަށެވެ. އެހެން ކަމުން ބިލު ބަލައި ގަތުމަށް މަޖިލީހުން ފާހެއް ނުވި އެވެ.

ރޮޒެއިނާ ހުށަހެޅި މި އިސްލާހުގައި ބުނެފައި ވަނީ ރަށު ކައުންސިލްތަކަށް މެމްބަރުން ހޮވުމަށް އިންތިހާބު އިއުލާން ކުރާއިރު ކައުންސިލްގައި އެއް ގޮނޑި އަންހެނުންގެ ކޮމިޓީ ތަކުގެ ރައީސުންނަށް "ރިޒާވް" ކޮށްފައިވާން ޖެހޭނެ ކަމަށެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް މެންބަރުން ހޮވާނީ ކައުންސިލް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އަންހެނުންގެ މެދުގައި ވޯޓަކުން ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ އަންހެނުންގެ ކޮމިޓީއަކީ މިހާތަނަށް ޒިންމާތަކެއް ލިބިފައި ހުރި ނަމަވެސް އެޒިންމާތައް އަދާ ކުރާނެ ގޮތެއް ގާނޫނީ ގޮތުން ލިބިފައި ނެތް ކަމަށާއި އެހެން ކަމުން ގާނޫނީ ގޮތުން މި ކޮމިޓީތައް ބާރުވެރި ކުރުވާ ކައުންސިލާ އެކުއެކީގަ މަސައްކަތް ކުރާ ކޮމިޓީ ކަމަށް ހަދައިދޭން ޖެހޭ ކަމަށެވެ.

"ކޮމިޓީގެ ރައީސް އަކީ ކައުންސިލް މެމްބަރެއް ކަމަށް ވާނަމަ އެއީ ކޮމިޓީއަށް ކުރިމަތިލުމަށް އަންހެނުންނަށް ލިބޭ އިތުރު ހިއްވަރަކަށް އެބަވޭ. ޖެންޑާ އީކުއާލިޓީ ބިލެއް ހުށަހެޅުމުން އެމްޑީޕީ ހުރިހާ މެމްބްރުން ވެސް ތާއީދު ކުރެއްވީ ހަމަ އެގޮތަށް އަންހެނުން ކުރިއެރުވުމަށް ދެން ހުރި ޕާޓީގެ މެމްބަރުން ވެސް ތާއީދު ކުރައްވަން އަޅުގަނޑު އެދެން" ރޮޒެއިނާ ވިދާޅުވި އެވެ.

މި ބިލަށް ބަހުސް ކުރެއްވުމަށް ތިން ގަޑިއިރުގެ ގަޑި އިރުގެ ވަގުތެއް މެމްބަރުންނަށް ދެއްވި އިރު ޕީޕީއެމްގެ މެމްބަރުން ވިދާޅުވަމުން އައީ މިފަދަ ގޮތަކަށް އިސްލާހު ހުށަހެޅުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި އަދި މިހާރު ވެސް އަންހެނުންނަށް ބޭނުންވާ ހައްގުތަައް ލިބޭ ކަމަށެވެ. ނަމަވެސް އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ މެމެބަރުގެ ވާހަކާގައި މި އިސްލާހުގެ މުހިންމުކަން ފާހަގަ ކުރިއެވެ.

މި ބިލްގެ ބަހުސްގައި އެމްޑީޕީ އާއި ޕީޕީއެމްގެ މެންބަރުން ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައެވެ.