ބާސެލޯނާ އިން ރޭ އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ލަލީގާގެ ވިނިންގް ސްޓްރީކް ނިމުމަކަށް އައިސްފި އެވެ.
އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ވަނީ 4-2 އިން ބަލިވެފަ އެވެ.
އެލް ސަދާރު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން އުންމީދުކުރި ފަދަ ވަރުގަދަ ކުޅުމެއް ދައްކާލެވިފައެއް ނުވެ އެވެ.
އޮސަސޫނާގެ ހަލުވި އަދި ވަރުގަދަ ކުޅުމުގެ ސަބަބުން ބާސެލޯނާގެ ކުޅުންތެރިން ވަރަށް ބޮޑަށް ދަތިވެފައިވެ އެވެ. މީގެ އިތުރުން ލަމިނެ ޔަމަލް އަދި ރަފިންހާ ފަދަ މުހިންމު ކުޅުންތެރިން ބެންޗުގައި ތިބުމުން ބާސެލޯނާއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވި އެވެ.
މެޗުގެ 18 ވަނަ މިނެޓުގައި ކްރޮއޭޝިިއާގެ ސްޓްރައިކަރު އަންޓޭ ބުޑިމީރް ވަރުގަދަ ހެޑަރަކުން އޮސަސޫނާއަށް ފުރަތަމަ ގޯލު ޖެހި އެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި ބްރަޔަން ޒަރަގޯޒާ އޮސަސޫނާގެ ދެވަނަ ގޯލު ޖެހި އެވެ. ދެވަނަ ހާފުގައި ޕައު ވިކްޓަރު އޮސަސޫނާގެ ކުށަކުން ފައިދާ ނަގައި ބާސެލޯނާއަށް އެއް ގޯލު ޖަހައިދިނެވެ.
އެހެންނަމަވެސް ވިސެންޓެ މޮރެނޯގެ ޓީމު ވަރަށް ރަނގަޅަށް ކުޅުމުގައި ދެމިހުރި އެވެ. އަންޓޭ ބުޑިމީރް ޕެނަލްޓީ ސްޕޮޓުން އިތުރު ގޯލެއް ޖަހާލައި އޮސަސޫނާގެ ލީޑު އިތުރުކޮށްލިއެވެ. އަދި ބްރެޓޯންސް ދުރުން ޖެހި ވަރުގަދަ ޝޮޓަކުން އޮސަސޫނާގެ ހަތަރުވަނަ ގޯލު ޖަހައިދިނެވެ.
މެޗުގެ 90 ވަނަ މިނެޓުގައި ލަމިނެ ޔަމަލް ބާސެލޯނާއަށް އިތުރު އެއް ގޯލު ޖެހި ނަމަވެސް މެޗު ނިމުނުއިރު އޮސަސޫނާ ވަނީ 4-2 އިން މޮޅުވެފަ އެވެ.