ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަފީގު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފި އެވެ.
ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ އެކު ވަޒީރުން މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމަށް އައްޔަންކުރެއްވީ ޑރ. އަބްދުﷲ ހަލީލް، މިނިސްޓާ އޮފް ފިނޭންސްގެ މަގާމަށް މޫސާ ޒަމީރު އަދި މިނިސްޓާ އޮފް ހެލްތްގެ މަގާމަށް އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އައްޔަންކުރައްވާފަ އެވެ.
މި ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރެއްވި އެވެ.
މިނިސްޓަރު ހަލީލް މީގެ ކުރިން ހުންނެވީ މިނިސްޓާ އޮފް ހެލްތްގެ މަގާމު ގައެވެ. ޒަމީރު މީގެކުރިން ހުންނެވީ ފޮރިން މިނިސްޓްރީގެ މަގާމު ގައެވެ. މިނިސްޓަރ އޮފް ހެލްތްގެ މަގާމަށް މިއަދު އައްޔަންކުރެއްވި އަބްދުﷲ ނާޒިމު އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
ނާޒިމު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.