މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ ޕެޓިޝަނެއް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުލިބޭތީ އެ މައްސަލައަށް ހައްލު ހޯދަން މުވައްޒަފުންތަކެއް ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން ވަނީ ރައީސް. ޑރ. މުހައްމަދު މުއިއްޒު އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަދި ފިނޭންސް މިނިސްޓްރީއަށްވެސް ހުށަހަޅާފަ އެވެ.

ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންނަށް ހައުސިން އެލަވަންސް ނުދެވިގެން އުޅެނީ ބަޖެޓު ނެތިގެން ނޫން ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.

އެ ގޮތުން ކަރެކްޝަންސްގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ފައިސާ ބާކީވާކަން އެ އިދާރާއިން ފިނޭންސް މިނިސްޓްރީ އާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ފޮނުވާ ލިޔުންތަކުން އެނގޭ ކަމަށް ޕެޓިޝަންގައި ވަނީ ބުނެފަ އެވެ.

"ލިޔުންތަކުން އެނގޭ ގޮތުގައި ނުވަ މިލިއަނާއި 11 މިލިއަނާ ދެމެދުގެ އަދަދަކަށް ކަރެކްޝަންސްގެ ބަޖެޓުން ކޮންމެ އަހަރަކު ބާކީވޭ،" ޕެޓިޝަންގައި ބުނެފައިވެ އެވެ.

ޕެޓިޝަންގައި ބުނެފައިވަނީ ކަރެކްޝަންސްގެ ސިވިލް މުވައްޒަފުންގެ އަދަދު 100 އަށްވުރެ މަދު ކަމަށާއި އެހެންކަމުން ހައުސިން އެލަވަންސް ދިނުމަށް އަހަރަކަށް ހޭދަވާނީ 2.7 މިލިއަން ރުފިޔާ ކަމަށެވެ،

ޕެޓިޝަންގައި އިތުރަށް ބުނެފައިވަނީ ވަޒީފާއާ ބެހޭ ގަވާއިދާއި މުސާރަ އޮނިގަނޑާއި ހިލާފަށް، ޖަލުތަކުގައި ނިދުމާއި ތިބުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ޖަލު އޮފިސަރުން ހިމެނޭހެން ހުރިހާ ޖަލު އޮފިސަރުންނަށް ހައުސިން އެލަވަންސް ލިބޭކަން ފާހަގަކޮށްފަ އެވެ.