ވ.ރަކީދޫގައި "މަރާލާފައި" އޮއްވައި މިއަދު ފެނުނު ކުއްޖާގެ މަރުގެ މައްސަލާގައި ދައުލަތުން އިހުމާލުވެފައި ވޭތޯ ބައްލަވާނެ ކަމަށާއި އިހުމާލުވީ ބަޔަކާ މެދު ފިޔަވަޅު އަަޅުއްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެެނެރަލް (ޕީޖީ) މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.
ޕީޖީ ވިދާޅުވީ ދެ އަހަރުގެ ފިރިހެން ކުއްޖާ އަށް އަނިޔާކުރާތީ އެކި ފަހަރުމަތިން އެ ކުއްޖާގެ މަންމަ ކައުންސިލް އިދާރާ އަށް ހާޒިރުކޮށް އަދި ޖެންޑާ މިނިސްޓްރީން ވެސް މައްސަލަ ބަލާފައިވާ ކަމަށް ބުނާތީ އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މި ކަންކަން ބެލުމަށް ތިން ޕްރޮސިކިއުޓަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހެދުމަށް ފަހު، ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ އެއްވެސް މުވައްޒަފަކު އިހުމާލުވެފައިވާ ކަމަށް ފެނިއްޖެ ނަމަ އެކަން ތަހުގީގު ކުރުމަށް އަމުރު ނެރޭނަން،" ޕީޖީ ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވީ ތަހުގީގު ހިންގާނީ ކޮން ބަޔަކު ލައްވާތޯ ނިންމަވާނީ ކުއްޖާގެ މައްސަލާގައި ޝާމިލުވާ ފަރާތްތައް ބެލުމަށް ކުރާ މަސައްކަތަށް ފަހުގައި ކަމަށެވެ.
މަރުގެ މައްސަލާގައި ދައުލަތުގެ އިހުމާލެއް އޮތްތޯ ބަލަން ނިންމާފައި ވާއިރު މީގެ ކުރިން ވެސް ވަނީ މަންމަ ދަރިފުޅަށް އިހާނެތި އަމަލުތައް ކޮށްގެން ޖެންޑާ މިނިސްޓްރީ އަށް މައްސަލަ ހުށަހެޅުމުން ދަރިފުޅު އަލުން މަންމައާ ހަވާލުކޮށްފައި ވަނިކޮށް ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެފަ އެވެ. މި މައްސަލާގައި މަންމަގެ މައްޗަށް ވަނީ ކުއްޖަކު މަރާލުމުގެ ދައުވާ ކޮށްފަ އެވެ.
ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނީ މުހައްމަދު އިބްތިހާލް ކިޔާ ކުއްޖެކެވެ. އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކު ވަނީ ދަރިއަށް އަނިޔާކުރާތީ އެކި ފަހަރުމަތިން ކައުންސިލް އިދާރާ އަށް ހާޒިރުކޮށްފައި ކަމަށް ކައުންސިލުން ބުނެ އެވެ. އަދި ފުލުހުންނާއި ޖެންޑާ އިން ވެސް މައްސަލަ ބަލާފައިވާ ކަމަށާއި އެކަމަކު ދަރިފުޅު ހުންނަނީ މަންމަ ގާތުގައި ކަމަށް ކައުންސިލުން ބުންޏެވެ.