އިންޓަ ގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ނ. ކަފަކޮމަންޑޫ ތަރައްގީ ކުރުމަށް ނ. ހެނބަދޫ ކައުންސިލުން ނިންމައިފި އެވެ.
ކަފަކޮމަންޑޫ އަކީ ހެނބަދޫ ކައުންސިލްގައި ހިމެނޭ ރަށެއްގެ ގޮތުގައި ހަމަޖައްސައިދީފައިވާ ރަށެކެވެ.
ކަފަކޮމަންޑޫގައި އިންޓަ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށްޓަކައި އެ ރަށުގެ ލޭންޑް ޔޫޒް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދުމަށްވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ކުރިން ރަޖިސްޓަރީ ކުރަންޖެހެ އެވެ. އެކަމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިމަސައްކަތާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ބީލަން ހުށަހަޅަންޖެހެނީ މިމަހުގެ 17 ވަނަ ދުވަހު ހެނބަދޫ ކައުންސިލް އިދާރާ އަށެވެ.
ހެނބަދޫ ކައުންސިލުން ބުނީ ކަފަކޮމަންޑޫއަށް ބޭރުގެ ބައެއް ފަރާތްތަކުން މިހާރުވެސް ޝައުގުވެރިވާ ކަމަށާއި ނަމަވެސް އެ ރަށް އެއްވެސް ބަޔަކަށް ދިގު މުއްދަތަކަށް ދެވޭނީ ލޭންޑް ޔޫޒް ޕްލޭން ފާސްވުމުން ކަމަށެވެ.
ހެނބަދޫ ކައުންސިލުން ލަފާ ކުރާ ގޮތުގައި ކަފަކޮމަންޑޫ 50 އަހަރަށް ކުއްޔަށް ދީގެން ދައުލަތުން އެރަށު ކައުންސިލަށް މިހާރު ގްރާންޓް އެހީގެ ގޮތުގައި ދޭ އެއްޗަކަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ.
ހެނބަދޫ ކައުންސިލުން ނިންމާފައިވަނީ ކަފަކޮމަންޑޫގައި އިންޓަ ގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށްފަހު އެ ރަށުގައި އުފެދޭ ވަޒީފާތަކުގެ ތެރެއިން ވަކި އިންސައްތައެއް ހެނބަދޫ ރައްޔިތުންނަށް ލިބޭ ގޮތް ހެދުމަށެވެ.