ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ޕޮލެންޑުގެ ތަރި ރޮބަޓް ލެވަންޑޯސްކީ ކާމިޔާބުކުރި ހެޓްރިކާ އެކު ބާސެލޯނާއިން ވަނީ ރަށުން ބޭރުގައި ޑިޕޯޓިވޯ އަލަވޭސް 3-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.
މި މޮޅާއެކު ބާސެލޯނާއިން ވަނީ މިހާތަނަށް ކުޅުނު 9 މެޗުން 24 ޕޮއިންޓް ހޯދައި، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އިތުރަށް ފައިހަމަކޮށްފަ އެވެ. ދެވަނައިގައިވާ ރެއާލް މެޑްރިޑަށް 9 މެޗުން ލިބިފައިވަނީ 21 ޕޮއިންޓެވެ.
ތިންވަނައިގައިވާ ވިޔަރެއާލް އޮތީ ރެއާލް މެޑްރިޑަށް ވުރެ 4 ޕޮއިންޓް ފަހަތުގައެވެ. އެތްލެޓިކޯ މެޑްރިޑަށް 8 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ލަނޑު ރޭ ލެވަންޑޯސްކީ ޖެހީ 7 ވަނަ މިނެޓުގައި، ބްރެޒިލްގެ ވިންގަ ރަފީނިއާ ދިން ބޯޅައަކުންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އޭނާއަށް ދެވަނަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީވެސް ރަފީނިއާ އެވެ. ލެވަންޑޯސްކީގެ ހެޓްރިކް ފުރިހަމަވީ 32 ވަނަ މިނެޓުގައި، އެރިކް ގާސިއާގެ އެހީތެރިކަމާއެކު އެވެ.
މިއީ މި ސީޒަނުގައި ލީގުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. އަދި ހުރިހާ މުބާރާތްތަކެއް އެކުގައި ބަލާއިރު 12 ވަނަ ލަނޑެވެ.
މި ބަލިވުމާއެކު، ޑިޕޯޓިވޯ އަލަވޭސް ވަނީ ވިދިވިދިގެން 3 މެޗުން ބަލިވެފަ އެވެ. ނުވަ މެޗުން 10 ޕޮއިންޓް ލިބިފައިވާ އެ ޓީމު މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނަ ގައެވެ.
ރޭ ކުޅުނު އެހެން މެޗެއްގައި ޖިރޯނާއިން ވަނީ އަމިއްލަ ދަނޑުގައި އެތްލެޓިކް ބިލްބާއޯ 2-1 އިން ބަލިކޮށްފަ އެވެ. މިއީ މި ސީޒަނުގައި ހުރިހާ މުބާރާތްތަކެއް ހިމަނައިގެން ބަލާއިރު ޖިރޯނާގެ ފުރަތަމަ މޮޅެވެ. މި މެޗުގައި ޖިރޯނާގެ ގޯލްކީޕަރު ޕައުލޯ ގަޒާނިގާ ވަނީ 3 ޕެނަލްޓީ ހުއްޓުވާފަ އެވެ. އަދި އެ ޓީމު މޮޅުވުމުގެ ލަނޑު ޖެހީ ދެވަނަ ހާފުގައި ކްރިސްތިއަން ސްޓުއާނީ ޕެނަލްޓީއަކުންނެވެ.