ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަނެފައިވާ ދެ އެޕާޓްމަންޓް ހުސްކުރުމަށް ދިން އެންމެ ފަހު މުއްދަތު ހަމަވިއިރު އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކުރުމަށްފަހު، މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
ބައްސާމްގެ ދެ އެޕާޓްމެންޓް ފުލުހުންނާ ހަވާލުކޮށްފައިވާކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ފުލުހުންނާ އެޕާޓްމަންޓް ހަވާލުކުރުމަށް ފަހު އެވެ. މި މައްސަލަ މި މަހުގެ އަށްވަނަ ދުވަހު ހައިކޯޓަށް ހުށަހެޅިޔަސް، އެ ކޯޓުން އަދި މައްސަލަ ބަލައިނުގަނެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައިވާ ހުޅުމާލެ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ހުސްކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ކޯޓު އަމުރުގައި އޮތީ ހަ ދުވަސް ތެރޭގައި ތަން ހުސްކުރަން ކަމަށްވާތީ ބައްސާމް ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ.
އެހެންވެ ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ދެ އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް ވަގުތު ދީފަ އެވެ. ނަމަވެސް ބައެއް ސަބަބުތަކާއި ހާލަތްތަކެއް ބަޔާންކޮށް މިމަހުގެ ހަތަރު ވަނަ ދުވަހު ބައްސާމު ވަނީ މުއްދަތު އިތުރުކޮށްދިނުމަށް އަނެއްކާވެސް ފުލުހުންގެ އިދާރާގައި އެދިފަ އެވެ.
ފުލުހުން މިމަހުގެ އަށްވަނަ ދުވަހު ހެނދުނު މީޑިއާއަށް އެންމެ ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނީ ބައްސާމު ފޮނުވި ސިޓީގައިވާ ހާލަތްތަކަށް ބެލުމަށްފަހު މިމަހުގެ ނިޔަލަށް ދެ އެޕާޓްމަންޓް ހުސްކުރަން އޭނާއަށް ވަގުތު ދީފައިވާ ކަމަށެވެ. އެގޮތަށް ވަގުތު ދިނީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ. ކޯޓުން ކޮށްފައިވާ އަމުރުގައިވެސް އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިފައިވާ ކަމަށްވެސް ބުންޏެވެ. ފުލުހުން ބުނީ ބައްސާމުގެ ދެ އެޕާޓްމަންޓަކީ ބޮޑެތި މީހުންނާއި ކުޑަކުދިންވެސް ދިރިއުޅެމުންދާ އެޕާޓްމަންޓްތަކަކަށް ވާތީ ހާލަތަށް ރިއާޔަތްކުރުމުގައި އެކަންކަމަށް ބެލި ކަމަށެވެ.
އެކަމަކު ފުލުހުން މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ދެ އެޕާޓްމަންޓް ހުސްކުރަން ބައްސާމަށް ފަހުން އަންގާފައިވާ ކަމަށެވެ. ފުލުހުންގެ އެންގުމާ އެއްގޮތަށް ބައްސާމް ވަނީ އެޕާޓްމަންޓްތައް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
ފުލުހުން މީގެކުރިން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށްވެސް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.