އިންޑިއާ

ރާއްޖެއާއެކު އިންޑިއާ ހިއްސާކުރާނީ އިންޓެލިޖެންސް މައުލޫމާތު އެކަންޏެއްނޫން: ފޮރިން ސެކްރެޓަރީ

ޓެރަރިޒަމް ނައްތާލަން އިންޑިއާ އާއެކު ރާއްޖެއިން ހިއްސާކުރާނީ ހަމައެކަނި އިންޓެލިޖެންސް މައުލޫމާތު ނޫން ކަމަށާއި، ޓެރަރިޒަމްއާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރާ މެކޭނިޒަމެއް ދެ ގައުމު ގުޅިގެން އަވަހަށް އަވަހަށް އުފައްދަން ނިންމާފައިވާ ކަމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.

އަލީ ނަސީރު އާއި ހަވާލާދެއްވައި އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ، އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން މީހުން މަގުފުރައްދަން ކުރާ މަސައްކަތްތަކާ ގުޅިގެން ރާއްޖެއިން ކަނބޮޑުވާ ކަމަށެވެ. އެ މައްސަލާގައި ރާއްޖެއާއި އިންޑިއާ އިން ވާހަކަ ދައްކަމުންދާ ކަމަށާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރާ މެކޭނިޒަމެއް ގާއިމްކުރުމަށް ދެ ގައުމުން މަޝްވަރާކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން މި މަޝްވަރާކުރަނީ ދެ ގައުމުގެ ސެކިއުރިޓީ އާއި އިންޓެލިޖެންސް ގުޅިގެން މި މަސައްކަތް ކުރުމަށް. އިންޑިއާއާއި ރާއްޖެއަކީ އަބަދުވެސް ގުޅިގެން މަސައްކަތް ކުރާ ދެ ގައުމު. ހަމަ އެހެންމެ ދެ ގައުމުގެ ސެކިއުރިޓީ އާއި އިންޓެލިޖެންޓަކީ ވެސް އެފަދައިން މަސައްކަތްކުރާ ބައެއް. އެހެންވީމަ، އަޅުގަނޑުމެން މިދަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރަމުން،" އަލީ ނަސީރު ވިދާޅުވި އެވެ.

އަލީ ނަސީރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމު ތަކެކޭ ވެސް އެއްގޮތަށް ރާއްޖެއިންވެސް މަސައްކަތް ކުރަނީ ސުލްހަ ގެއްލޭގޮތަށް ހިންގާ ޕްރޮޕެގެންޑާ ތަކުން ސަލާމަތްވާން ކަމަށެވެ. ޓެރަރިޒަމަކީ ހަމަ އެކަނި ރާއްޖެއަށް އޮތް ބިރެއް ނޫން ކަމަށާއި އެއީ މުޅި ދުނިޔޭގެ ކުރިއެރުމާއި ހަމަޖެހުމަށް އޮތް ބިރަކަށް ވާތީ އެފަދަ އަމަލުތަކާ ދެކޮޅަށް ވީ އެންމެ އަވަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ފަރާތުން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ އަހުމަދު މުހައްމަދު ވިދާޅުވީ، ޓެރަރިޒަމާއި ދެކޮޅަށް އިންޑިއާ ގުޅިގެން ރާއްޖެއިން އުފައްދާ އެންޓި- ޓެރަރިޒަމް މެކޭނިޒަމް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށެވެ.

ޓެރަރިޒަމްގެ އަމަލުތަކާއި ހައްދުފަހަނައަޅާފައިވާ ވިސްނުންތައް ނައްތާލާނެ މުޖައްރިބު ފަންޑިތައެއް ނެތް ކަމަށް ވިދާޅުވަމުން ކޮމިޝަނާ ވިދާޅުވީ، ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައި ތިބި ގައުމުތަކުން ވެސް ކެނޑި ނޭޅި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރާއިރުވެސް އެ ގައުމުތަކަށް ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެކަން ރާއްޖޭގައި ވެސް އޮތީ އެފަދަ ގޮތަކަށް ކަމަށާއި، ޓެރަރިޒަމް ނައްތާލަން ރާއްޖެއިން މިހާރުވެސް ދަނީ ބައިނަލްއަގުވާމީ އެކި ފަރާތްތަކާ އެކު މަޝަވަރާކުރަމުން ކަމަށެވެ.

"ޓެރަރިޒަމާއި ދެކޮޅަށް އަޅުގަނޑުމެން މިހާޜުވެސް މިދަނީ ސްރީލަންކާ، ޕާކިސްތާން ޔޫކޭ ފަދަ ގައުމުތަކާ އެކު މަސައްކަތް ކުރަމުން،" ކޮމިޝަނާ މުހައްމަދު އަހުމަދު ވިދާޅުވި އެވެ.

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފޮރިން ސެކެރެޓަރީ އަލީ ނަސީރު އާއި މިނިސްޓްރީގެ ވަފުދެއް ފުރާ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ދަތުރުފުޅުގައި އަލީ ނަސީރު ވަނީ ޓެރަރިޒަމް އާ ގުޅޭ ގޮތުން އިންޑިއާގެ ފޮރިން ސެކެރެޓަރީއާއި ވެސް ބައްދަލު ކުރައްވާފަ އެވެ.