މާބަނޑުއިރު ބަނޑުގައި އޮންނަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތެލަސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓާ ޕްލޭން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާބަނޑުއިރު ބަނޑުގައި އޮންނަ ދަރިފުޅަކީ ތެލަސީމިއާ ކުއްޖެއްތޯ ބެލުމަށް ހަދާ ޑީއެންއޭ ޓެސްޓެއް ކަމަށްވާ "ޕްރިނޭޓަލް ޑައިގްނޯސިސް ޓެސްޓް" ރާއްޖޭގައި ހެދުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެލަސީމިއާގެ ހާލަތު ރަނގަޅު ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން ތެލަސީމިއާ ބައްޔާއި ގުޅިގެން ބައެއް ފަހަރު ކޮންމެހެންވެސް ހަދަންޖެހޭ ޑީއެންއޭ ޓެސްޓް ސަރުކާރު ހޮސްޕިޓަލްތަކުން ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ މައުލޫމާތު ދެނެގަތުމަށްޓަކައި އިޓަލީ އަދި ސައިޕްރަސްއާ އެކު މަޝްވަރާތަކެއް ކުރައްވާ، އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތެލަސީމިއާ ފަންޑް ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި ނެޝަނަލް ބްލަޑް ފަންޑުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ތެލަސީމިއާ ހޮސްޕިޓަލެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ބޭރުގެ ދެ ފަރާތަކާ އެކު ސޮއިވެސް ކުރައްވާފަ އެވެ.