މިނިސްޓްރީ އޮފް ހެލްތު

އަންނަ އަހަރު ބޯންމެރޯ ހަދާކުދިން ސްކްރީން ކުރަން ފަށައިފި

އަންނަ އަހަރު ބޯންމެރޯ ހަދަން ފޮނުވާ ކުދިން ހެލްތު ސްކްރީން ކުރަން ފަށައިފި އެވެ.

ތެލެސީމިއާ މާސްޓަ ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިމިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ތެލެސީމިއާގެ ކަންކަމުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސްކޫލުކުދިން ބައްޔަށް ހޭލުންތެރިކުރުމުގެ އިތުން ހަތަރު ތަނެއްގައި ބްލަޑް ބޭންކް ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ބެންމެރޯ ޓްރާންސްޕްލާންޓް ކުރުން މެދު ކެނޑިފައި އޮތުމަށްފަހު އަލުން އެ މަސައްކަތްވެސް މި އަހަރު ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 14 ކުދިން ބޯންމެރޯ ހެދުމަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި މިހާރު މިވަނީ އަންނަ އަހަރު ބޯންމެރޯ ހަދާ ކުދިންގެ ހެލްތު ސްކްރީން ހެދުމުގެ މަސައްކަތް ފަށާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ކުދިންނަށް ބޯންމެރޯ ހެދުމުގެ ފުރުސަތު ދިނުން ކަމަށާއި އެގޮތުން މިހާރުވެސް 40 ކުދިން ބޯންމެރޯ ހެދުމަށް ލިސްޓް ކުރެވިފައިވާ ކަމަށެވެ. އެ ކުދިންނަކީ އާއިލާގެ ތެރެއިން ޑޯނަރުން ހޯދާފައިވާ ކުދިން ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ތެލެސީމިއާ މީހުންގެ ގޮތުގައި 943 މީހަކު ދަފްތަރު ކޮށްފައިވާއިރު މިވަގުތު ދުނިޔޭގައި ތިބީ 655 މީހުންނެވެ.