ގުޅީފަޅުގައި 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެއެއް ގާއިމުކުރުމާއެކު މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވައިދޭ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުމުގެ ދިރާސާތައް ކުރުމަށާއި އެކަމާ ގުޅޭ އަމަލީ މަސައްކަތްތައް ފެށުމަށް ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެވެ. ޓީބީއީއޭ ގުރޫޕްގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޕްރެސިޑެންޓް ސަންގް ހޮންގް ޒޮންގް އެވެ.
ޗައިނާ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ހަކަތައިގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވާ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޯ ލިމިޓެޑަކީ މިދާއިރާގައި ހަރަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު 10 ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ޗައިނާގައި 1938 ވަނަ އަހަރު އުފައްދާފައިވާ ޓީބީއީއޭ ގްރޫޕަކީ ހަކަތައާއި ކަރަންޓުގެ ދާއިރާއާއި ގުޅޭ ތަކެތި އުފައްދާ ކުންފުންޏެއްގެ އިތުރުން ހިއްސާގެ ބާޒާރުގައިވެސް ލިސްްޓްކޮށްފައިވާ ކުންފުންޏެކެވެ.
އެމްއޯޔޫގެ ދަށުން ކުރާނެ ކަންކަން
- ހައި-ކެޕޭސިޓީ ޓްރާންސްމިޝަން ލައިނެއް ގާއިމުކުރުން: މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލެވޭ ގޮތަށް މިސަރަހައްދުގެ ހަކަތައަށް ބޭނުންވާ މިންވަރު ފުއްދުމަށް ހަރުދަނާ ނެޓްވޯކެއް އެޅުން.
- 150 މެގަވޮޓްގެ ޑުއަލް ފިއުލް އިންޖީނުގެ އެޅުން: ކަރަންޓް އުފެއްދުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރުކުރުމަށްޓަކައި މަރުކަޒީ ފެސިލިޓީއެއް ތަރައްގީކޮށް، ސްޓޭބަލް އަދި އިތުބާރު ހުރި ގޮތަކަށް ހަކަތަ ނުވަތަ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަން ކަށަވަރުކޮށްދިނުން.
އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމަށްފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމ ވިދާޅުވީ މި އެމްއޯޔޫއަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށެވެ.
ފަހްމީ ވިދާޅުވީ މިމަޝްރޫއުގެ ދަށުން ހަދާ އިންޖީނުގެއަކީ ތެލާއި ގޭސް އަދި ބަޔޯ ފިއުލް ބޭނުންކޮށްގެން ހިންގޭނެ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކުރާ އިންޖީނުގެއެއް ކަމަށެވެ.
"މިގޮތަށް މިތަން ހެދުމުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި އަގަށް އަންނަ ބަދަލާއެކު އެންމެ އަގުހެޔޮކޮށް ކަރަންޓު ދެވޭ ގޮތަށް ކަންކަން އިންތިޒާމު ކުރުން،" ފަހްމީ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މާލެ ސަރަޙައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދެވޭ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ވަކިން ހާއްސަކޮށް ސްޓެލްކޯއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށް ސްޓެލްކޯ އިން ލަފާ ކުރެ އެވެ.