ދުނިޔެ

އުރުދުން އިން ޖަލަށް ލާފައިވާ އަންހެން "ޓެރަރިސްޓް" އައިއެސް އަށް ދޫކޮށްލަނީ

އައިއެސްއާ މި އަންހެން މީހާ ހަވާލުކުރަން ތައްޔާރަށް ތިބި ކަމަށް އުރުދުން އިން ބުނެފައި ވަނީ އެ ޖަމާއަތުން ރަހީނުކޮށްފައިވާ ޖަޕާނު މީހަކާއި އުރުދުންގެ ވައިގެ ސިފައިންގެ ޕައިލެޓަކު މަރާލާނެ ކަމަށް ބުނެ 24 ގަޑިއިރުގެ މުހުލަތެއް ދިނުމުންނެވެ. ރިޝާވީ މިނިވަންނުކޮށްގެން އައިއެސް ވަނީ މިހާރު ވެސް ޖަޕާނު މީހަކު މަރާލައިފި އެވެ.

އައިއެސް އިން އަލް ރިޝާވީ ބޭނުންވެގެން އުޅުނަސް އޭނާ އަކީ އަލްގައިދާއާ ގުޅުން ބޮޑު މީހެކެވެ. އޭނާ ވަނީ 2005 ގައި އުރުދުންގައި ދިން ބޮމުގެ ހަމަލާ އަށް ތައްޔާރުވުމަށް، ބޮން އުފެއްދުމުގެ ހުނަރު ވެސް ދަސްކޮށްފަ އެވެ.

މިހުރިހާ ކަމަށް އޭނާ ތަމްރީންކޮށްފައި ވަނީ އުރުދުންގައި ބޮން ގޮއްވި އޭނާގެ ފިރިމީހާ އެވެ. ރިޝާވީ ހައްޔަރުކޮށްފައި ވަނީ އޭނާގެ ހަށިގަނޑުގައި ހަރުކޮށްފައި ހުރި ބޮން ނުގޮއްވައި ފިލަން އުޅެނިކޮށެވެ.

އުރުދުންގެ ހޮޓާތަކަށް އަމާޒުކޮށްގެން އެފަހަރު ދިން ބޮމުގެ ހަމަލާތަކުގައި 60 މީހަކު މަރާލާފައިވެ އެވެ.

އިރާގުގައި "ކިއްލާއެއް" ގާއިމުކޮށްފައިވާ އައިއެސް އިން އަލް ރިޝާވީ ބޭނުންވެގެން މީހުން ކަތިލައި ބިރު ދައްކަމުން އަންނައިރު މި އަންހެން މީހާ އަކީ އިރާގުގެ ރައްޔިތެކެވެ. އޭނާ އުރުދުންގައި ދިރިއުޅެމުން ދިޔައީ އެގައުމުން އިނދެގެން އުޅުނު މީހާއާ އެކު ވަގު ޕާސްޕޯޓެއްގެ ދަށުންނެވެ.

މަރުގެ ހުކުމް އިއްވާފައިވީ ނަމަވެސް ރިޝާވީގެ މައްޗަށް ހުކުމް ތަންފީޒުނުކުރެވިފައި ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވި އަހަރު، މަރުގެ ހުކުމް ތަންފީޒުކުރުން އުރުދުންގައި ހުއްޓާލުމުންނެވެ. އައިއެސް އިން މި އަންހެންމީހާ މިނިވަންކުރުމުގެ ކެމްޕޭނެއް ފަށާފައިވާއިރު އުރުދުން އިން ވަނީ މަރުގެ ހުކުމް ތަންފީޒުކުރުން އަލުން ފަށައިފަ އެވެ.