އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަން ހިންގާނެ އާ އިމާރާތެއް ހޯދަނީ

އިލެކްޝަން ކޮމިޝަން (އީސީ) ހިންގާނެ އާ އިމާރާތެއް ހޯދަން އެ ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

އީސީގެ އިއުލާނުގައި ބުނީ 10 އަހަރު ދުވަހަށް އެ ކޮމިޝަނުން ތަނެއް ކުޔަށް ހިފަން ބޭނުންވާ ކަމަށާއި، އެކަމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ނިޔަލަށެވެ.

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަންނާނެ ކަމަށްވެސް އީސީ އިން ބުންޏެވެ.

އީސީ އިން ބުނީ ބީލަންތައް ފޮނުވަންވާނީ ސިޓީ އުރައެއްގައި ބަންދު ކޮށްފައި ކަމަށާއި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ޕްރޮޖެކްޓް ނަމްބަރާއި، ހުޅުވަން ކަނޑައަޅާފައިވާ ދުވަހާއި ތާރީހާއި ގަޑި އަދި ކޮންޓްރެކްޓަރުގެ ނަންވެސް އޮންނަން ޖެހޭނެ ކަމަށެވެ.

މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 1:30ގެ ކުރިން އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެ އެވެ.

ބީލަންތައް ހުޅުވުން އޮންނާނީ މިމަހުގެ 28 ވަަނަ ދުވަހުގެ މެންދުރުފަހު 1:30ގައި އިލެކްޝަން ކޮމިޝަން މިހާރު ހިންގަމުންދާ ޕޯޓްކޮމްޕްލެކްސް ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައެވެ.