ވައިގެ މަގުން ރާއްޖެ އެތެރެކުރި 2.05 ކިލޯގެ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
މިތަކެތި އަތުލައިގެންފައިވަނީ މިމަހުގެ 15ވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި ދެ ފަސިންޖަރުންގެ ލަގެޖުގެ ތެރެއިންނެވެ.
މި މައްސަލައިގައި މަސްތުވާތަކެތި އެތެރެކުރީ އިންޑިއާއަށް ނިސްބަތްވާ 41 އަހަރުގެ ފިރެހެނަކާއި 38 އަހަރުގެ އަންހެނެކެވެ.
ކަސްޓަމްސްއިން ބުނީ އެ ދެމީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ލަގެޖް ބަލާފާސްކޮސްފައިވާ ކަމަށެވެ. އަދި ބަލާާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން ޓެސްޓުކުރި ކަމަށާއި އެތަކެތި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނީ އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު 2.05 ކިލޯ ހުރި ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީ އަގަކީ 2.05 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށެވެ.
މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގެން މަސްތުވާތަކެތީގެ އިތުރުން އެތަކެތި އެތެރެކުރި ދެ ފަސިންޖަރުން ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ.