މާލީ ހިސާބުތައް ބެލެހެެއްޓުމުގައި މިދިޔަ ސަރުކާރުން ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާ އެބައޮތް ކަމަށާއި އެ ފައިސާ މިއަހަރުގެ މާލީ މުއާމަލާތްތަކުގެ ތެރޭގައި ހިމެނުމަކީ ގާނޫނާ ހިލާފު ކަމަކަށްވާނެތީ އެ މައްސަލަ ބަލަމުންދާނެ ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އުޝާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން މާލީ މުއާމަލާތްތައް ބަލަހައްޓާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ. އެހެންވެ އެކަންކަން ބަލައި ގާނޫނާ ހިލާފަށް އަމަލުކުރި ފަރާތްތަކަށް ކަމާ ގުޅޭ އިދާރާތަކާ ގުޅޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އުޝާމް ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކުގައި ހިމަނާފައި ނެތް ދެ ބިލިއަން ރުފިޔާއާ މެދު އަމަލުކުރާނެ ގޮތްތަކެއް ނިންމޭނީ އޮޑިޓާ ޖެނަރަލް ދެއްވާ ލަފައެއް ބެލުމަށްފަހު ކަމަށެވެ. އޮޑިޓާ ޖެނަރަލް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އޮޑިޓާ ޖެނަރަލްގެ ކަމާ ގުޅޭ ރިޕޯޓް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބުތަކުގައި ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއަކީ މަޝްރޫއުތައް ހިންގުމަށް ބޭރުގެ ފަރާތްތަކުން އެކިއެކި ކޮންޓްރެކްޓަރުންނަށް ދީފައި ހުރި ފައިސާ ކަމަށެވެ. އެ ފައިސާ ދެނީ ފަންޑް ކުރާ ފަރާތްތަކުން ސީދާ އެ ކޮންޓްރެކްޓަރަށް ކަމަށްވާތީ މިފަދަ ފައިސާ ރެކޯޑް ކުރުމުގައި ގޯސްތަކެއް ހަދާފައިވާކަން އެނގޭ ކަމަށެވެ. މިގޮތަށް ދެ ބިލިއަނެއްހާ ރުފިޔާ ރެކޯޑްކޮށްފައި ނެތުމަކީ ދައުލަތުގެ ހިސާބުތައް ހަމަޖެއްސުމަށް އަދި މިސަރުކާރުން ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކަށް ދިމާވާނެ އުނދަގޫ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ މީގެކުރިން ކޮންމެ ހަފްތާއަކު ގަވައިދުން ނެރެމުން ދިޔަ ދައުލަތުގެ އާމްދަނީއާއި ހަރަދު ތަފްސީލް މިދިޔަ ޖޫން މަހުން ފެށިގެން ހާމަކުރުން ހުއްޓާލީވެސް މާލީ ހިސާބުތަކުގައި ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއެއްގެ މައްސަލަ ފާހަގަވި ހިސާބުން ކަމަށެވެ.
ޒަމީރު ވިދާޅުވީ ދައުލަތުގެ މާލީ ހިސާބު ނެރެންވާނީ ސައްހަ މައުލޫމާތާ އެކު ކަމަށްވާތީ ރެކޯޑްކޮށްފައި ނެތް ދެ ބިލިއަން ރުފިޔާއެއްގެ މައްސަލަ ފާހަގަވުމުން އެ މައްސަލަ ހައްލުނުކޮށް ދައުލަތުގެ މާލީ ހިސާބުތަކުގެ މައުލޫމާތު ހާމަކުރުމަކީ ރާއްޖެއަށް މާލީގޮތުން އެހީވާ ފަރާތްތަކުގެ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މައްސަލައަކަށް ވެގެން އުޅޭ ދެ ބިލިއަން ރުފިޔާގެ މައްސަލަ ހައްލުކުރެވޭނެ ކަމަށާއި ނަމަވެސް އެކަމަށް އަދި ވަގުތު ނަގާނެ ކަމަށެވެ. މިފަދަ މައްސަލަތައް ކުރިމަތިވަނީ ދައުލަތުގެ ބަޖެޓްގައި މަޝްރޫއެއް ހިންގުމަށް އެ އަހަރަށް ޖަހާފއި އޮންނަ އަދަދަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެއް މަޝްރޫއުގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ނުވަތަ އެފަދަ ކޮންމެވެސް ނަމެއްގައި ދައުލަތުން ހަރަދުކޮށްލާތީ ކަމަށެވެ. އެގޮތަށް ހަރަދު ކުރުމުން ދައުލަތުގެ ކޭޝްފްލޯ ހަމަޖައްސަން ވަރަށް ބޮޑަށް ދަތިވެގެންދާ ކަމަށްވެސް ވިދާޅުވި އެވެ.