މީރާ

ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމަށް މީރާއިން ހުޅުވާލައިފި

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބާއްވާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މީރާ އިން ހުޅުވާލާފައިވަނީ މި މަހުގެ ނިޔަލަށެވެ.

މި މުބާރާތަކީ "ގުޅިގެން މީރާ" އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މުބާރާތެކެވެ.

މި އިނީޝިއޭޓިވްއަކީ މީރާއާއި އާންމު ރައްޔިތުންނާއި، ޓެކްސް ދައްކާ ފަރާތްތަކާއި، ސްޓޭކްހޯލްޑަރުންނާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިނީޝިއޭޓިވްއެއް ކަމަށް މީރާއިން ބުނެ އެވެ.

މި މުބާރާތުގެ މައުލޫއަކީ "ގައުމު ބިނާކުރުމުގައި ޓެކްސްގެ ދައުރު" އެވެ.

މީރާ އިން ބުނީ މި މައުލޫއުގެ ދަށުން ގައުމު ބިނާކުރުމުގައި ރައްޔިތުންނާއި މީރާއާއި ދެމެދު އޮންނަ ގުޅުން ދައްކުވައިދޭ ފަދަ ކުރެހުންތައް ފޮނުވޭނެ ކަމަށެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރާއި 15 އަހަރާ ދެމެދާއި، 16 އަހަރާއި 18 އަހަރާއި ދެމެދު އަދި 18 އަހަރުން މަތީގެ އުމުރުފުރާ އެވެ.

މީރާއިން ވަނީ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެއްވަނަ ހޯދާ ފަރާތަކަށް 5،000 ރުފިޔާގެ އިނާމު، ދެވަނަ ހޯދާ ފަރާތަަކަށް 3،500 ރުފިޔާގެ އިނާމު އަދި ތިންވަނަ ހޯދާ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާ އިނާމު ދިނުމަށް ނިންމާފަ އެވެ.

މީރާއިން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން މީރާގެ ހެޑް އޮފީހަށް ކުރެހުންތައް ހުށަހެޅޭނެ ކަމަށާއި އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކުން އެ ރަށެއްގެ މީރާގެ ކަލެކްޝަން ސެންޓަރު ނުވަތަ ބްރާންޗް އޮފީހެއް ހުންނަނަމަ އެތަނަކަށް ހުށަހެޅޭނެ ކަމަށެވެ.