ސްޕެނިޝް ލަ ލީގާގައި ރޭ ކުޅުނު މެޗުގައި ރޮބަޓް ލެވަންޑޯސްކީ ޖެހި ދެ ލަނޑާއެކު ބާސެލޯނާ އިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
އޮލިމްޕިކް ލުއިސް ކޮމްޕެނީސް ސްޓޭޑިއަމްގައި 47،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ޖެހީ ލެވަންޑޯސްކީ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޕެޑްރީ ވަނީ ދެވަނަ ލަނޑު ޖަހައި ސްކޯ 2-0 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ލެވަންޑޯސްކީ އޭނާގެ ދެވަނަ އަދި ޓީމުގެ ތިންވަނަ ލަނޑު ޖެހުމާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިންނެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ ޕަބްލޯ ޓޯރޭ ވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ. މެޗުގެ 87 ވަނަ މިނެޓުގައި ސެވިއްޔާގެ އިޑުމްބޯ ވަނީ އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާފަ އެވެ.
އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ މި ސީޒަންގައި ކުޅުނު 12 މެޗުން މިހާރު ވަނީ 14 ލަނޑު ޖަހާފަ އެވެ. މީގެ ތެރެއިން 10 ލަނޑަކީ އެންމެ ފަހުން ކުޅުނު ހަ މެޗުގައި ޖެހި ލަނޑެވެ.
މި މޮޅާ އެކު ބާސެލޯނާއަށް ވަނީ މިހާތަނަށް ކުޅުނު 10 މެޗުން 27 ޕޮއިންޓް ލިބިފަ އެވެ. އަދި ދެވަނައިގައިވާ ރެއާލް މެޑްރިޑަށް 10 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ބާސެލޯނާއިން މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުގައި ޖަހާފައިވަނީ 33 ލަނޑެވެ.
ބާސެލޯނާއިން އަންނަ ބުދަ ދުވަހު ކުޅޭނީ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހު ކުޅޭނީ ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށެވެ.