އަނާރާ ނައީމް

ދީނީ ޕްރޮގްރާމްތަކުން އަޅުގަނޑަށް ފުރުސަތެއް ނުދޭ: އަނާރާ

ސިޔާސީ ފިކުރުތައް ދޫކޮށް ދީނީ ޕްރޮގްރާމުތަކުގައި ހުރިހާ އިލްމުވެރިންނަށް ހަމަހަމަޔަށް ފުރުސަތު ދޭންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ ވިދާޅުވީ ދީނީ ޕްރޮގްރާމްތަކުން މިހާރު އެކަމަނާއަށް ފުރުސަތު ނުލިބޭ ކަމަށެވެ. ނަމަވެސް އެއީ ދީނީ ކޮން ޕްރޮގްރާމަކުން ކަމެއް ވިދާޅެއް ނުވެއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބިލުގެ ދިރާސާ ކުރުމަށް މިއަދު ބޭއްވި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަނާރާ ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަން ޖެހޭނީ ސިޔާސީ ފިކުރަކާއި ނުލައި ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ މިނިސްޓްރީ ސިޔާސީ ވެފައި އޮތްތަނެއް ގޮތުގައި ކަމަށެވެ.

"ދީނީ ޕްރޮގްރާމުތަކަށް އަޅުގަނޑަކަށް މިހާރު ފުރުސަތެއް ނުލިބޭ. ކުރިން ހަމަޖެހިފައި އޮތް ޕްރޮގްރާމް ވެސް މިހާރު ވަނީ ނަގާފަ،" އަނާރާ ވިދާޅުވި އެވެ.

މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރާ ހަމައެކަނި މެމްބަރު އަނާރާ ވިދާޅުވީ ދީނީ ޕްރޮގްރާމްތަކަކީ ސިޔާސީ ވާހަކަ ދައްކާނެ ތަނެއް ނޫން ކަމަށާއި އެއީ ބެލުންތެރިންނަށް ދީނީ މައުލޫމާތު ފޯރުކޯށްދޭ ޕްރޮގްރާމެއް ކަމަށެވެ. އެހެން ކަމުން ހުރިހާ އިލްމު ވެރިންނަށް ވެސް ހަމަ ހަމަޔަށް ޕްރޮގްރާމް ތަކުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް އަނާރާ ވިދާޅުވި އެވެ.