ޑރ. މުހައްމަދު މުއިއްޒު

ޝަހީމާއި އަނާރާގެ ތާއީދު މުއިއްޒުއަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މަކުނުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމު ނިންމަވައިފި އެވެ.

އަނާރާ މިއަދު ވިދާޅުވީ މުއިއްޒުއާ ބައްދަލުކުރެއްވުމުން ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށާއި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތް ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ޑރ. މުއިއްޒުއަށް ތާއީދުކުރެއްވުމަށް އޭނާވެސް ނިންމަވާފައިވާ ކަމަށާއި އެ ނިންމުން ނިންމެވި ސަބަބު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ޝަހީމު، ޑރ. މުއިއްޒުއަށް ތާއީދުކުރައްވާފައި މިވަނީ އެ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕީޕީއެމްގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ ދުވަސްތަކެއް ފަހުންނެވެ.

ޑރ. މުއިއްޒު ވަނީ އޭނާއަށް ތާއީދުކުރެއްވުމަށް ޑރ. ޝަހީމާއި ޑރ. އަނާރާ ނިންމެވުމާ ގުޅިގެން އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.