ޖިންސީ ގޯނާ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުކުރެވޭ ވިއާމް ދޫކޮށްލައިފި

Oct 23, 2024

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ކޯޓުން ދޫކޮށްލީ ނ. މިލަދޫ، މީޒާން، އަހްމަދު ވިއާމް (27އ) އެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުއްދަތު ހަމަވުމުން ކޯޓުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ވިއާމް ދޫކޮށްލީ ފުލުހުން އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދިފައިވަނިކޮށް ކަމަށްވެސް އަވަސްއަށް އެނގިފައިވެ އެެވެ.

ވިއާމް ހައްޔަރުކުރިއިރު އޭނާ ފިލުމަށް އެހީތެރިވެދިން މީހަކުވެސް އޭރު ހައްޔަރުކުރި އެވެ.

ވިއާމްގެ ކުށުގެ ރެކޯޑެއް އޮންނަކަން އަދި މިހާތަނަށް އެނގިފައި ނުވި ނަމަވެސް އޭނާގެ މައްޗަށް މީގެ ހައެއްކަ އަހަރު ކުރިން ފައިސާގެ މައްސަލައެއްގައި ހުކުމެއް ކުރި ކަމަށް މައުލޫމާތު ލިބެ އެވެ.