އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އައިއޭއީއޭގައި ބައިވެރިވުމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން 61 މެމްބަރުންގެ ވޯޓުންނެވެ.
މި މައްސަލަ ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ރައްކާތެރިކަމާއި ސުލްހަވެރިކަމާއެކު ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުންކުރުން ކުރިއެރުވުމުގެ މަގުސަދުގައި ގާއިމުކޮށްފައިވާ އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެހެންވެ އައިއޭއީއޭގައި ބައިވެރިވުމަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިމަހު 14 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި ބައިވެރިވާންޖެހޭ މުއާހަދާއަކީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ފ)ގެ އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ސަބަބުން ދިވެހި ދައުލަތުން އެއްވެސް އިލްތިޒާމެއް އުފުލަންނުޖެހޭ ބާވަތުގެ އެއްބަސްވުމެއް ކަމަށެވެ.
ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު އެވެ. އެހެންވެ އައިއޭއީއޭގައި ބައިވެރިވުމަށް ރުހުން ހޯދުމަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތު އެ މައްސަލަ ފޮނުވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށެވެ.
ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ރާއްޖެއިން އައިއޭއީއޭގައި ބައިވެރިވުމަށް ރުހުން ދިނުމަށް ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
އައިއޭއީއޭގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ރައީސްއަށް ލަފާ އެރުވެއްވީ ނިއުކްލިއާ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ހޯދުމަށެވެ. އެގޮތުން ކެންސަރަށް ފަރުވާ ދިނުމުގައި ނިއުކްލިއާ މެޑިސިންގެ އެކި ފަރުވާތައް ބޭނުން ކުރާއިރު އެކަމާ ގުޅޭ ބައިނަލްއަގްވާމީ އިދާރާއަކީ އައިއޭއީ އެވެ. އައިއޭއީއޭއާ ގުޅުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާނީ ޑިފެންސް މިނިސްޓްރީ އެވެ.