ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ހިނގަމުންދާ ވަގުތުގައި ބައެއް މަގުތައް ބަންދުކުރަން ނިންމައިފި އެވެ.
ދިރާގު ރޯޑް ރޭސް މިމަހުގެ 25ވާ ހުކުރު ދުވަހު ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކް ހިމެނޭ ސަރަހައްދުގައި އާއި ހުޅުމާލޭގެ ބައެއް މަގުތަކުގައެވެ.
ރޯޑް ރޭސް ހިނގަމުންދާ ވަގުތު ބައެއް މަގުތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމީ މި ރޭހުގައި ވާދަކުރާ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ކުރިއަށްދާ ވަގުތު ބައެއް މަގުތައް ބަންދުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އާންމުކޮށް އިއުލާންވެސް ކޮށްފަ އެވެ.
މަގުތައް ބަންދުވާނީ ހުކުރު ދުވަހު ފަތިހު 5:00 އިން ހެނދުނު 9:00 އަށް އަދި ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އެކަމަކު ރޯޑް ރޭސްގެ ބޭނުމަށް ބޭނުންކުރާ ވެހިކަލްތަކަށް ހާއްސަ ހުއްދައެއް ދިނުމަށް ހަމަޖެހިފައިވާތީ އެފަދަ ވެހިކަލްތައް މިވަގުތު ތަކުގެ ތެރޭގައި ބަންދުކޮށްފައިވާ މަގުތަކުގައިވެސް ދުއްވާނެ އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން ޑީއެމްއާރްއާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެ އެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30 ގައެވެ.
ޑީއެމްއާރްއާރް އަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވާލްޑް ރަނިން ކަލަންޑަރުގައި ލިސްޓް ކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.