ބަޖެޓް 2024

އާމްދަނީގެ ގޮތުގައި އިތުރު 640 މިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފި

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އިތުރު 640.1 މިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފި އެވެ.

ދައުލަތުގެ ބަޖެޓު ފާސްކުރިއިރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 33.54 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓުގައި އަންދާޒާކޮށްފައިވާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އިތުރަށް ލިބޭނެ ކަމަށް އަންދާޒާކުރާ 640.1 މިލިއަން ރުފިޔާއާއެކު މި އަހަރުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 34.18 ބިލިއަން ރުފިޔާ ލިބޭނެ އެވެ.

ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި މި އަހަރު އިތުރު 335.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި 199.3 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ބައެއް ކަންކަމުން އިތުރު 61.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައިވާ ގޮތުން މި އަހަރުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި ޖުމްލަ 25.6 ބިލިއަން ރުފިޔާ ލިބޭނެ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި ޖުމްލަ 1.4 ބިލިއަން ރުފިޔާ މި އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.