ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ފިނޭންސް މިނިސްޓަރުކަމާ ހަވާލުުވެވަޑައިގެންނެވި މޫސާ ޒަމީރު އެވެ.
ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ ދައުލަތުގެ ބަޖެޓު ހުސްވެގެން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަނީ މަޝްރޫއުތަކަށް އާދަޔާ ހިލާފު ކުދި އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓް ތައްޔާރުކޮށްފައި ހުރުމުންނެވެ.
ޒަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ފިޔަވަަޅުތަކަށް ބަލައި، ބަޖެޓުކޮށްފައިވާއިރު އެއްވެސް ކަމަކަށް ތައްޔާރުވެފައި ނުވާ ކަމަށާއި 2023ގެ ހިސާބުތައް އެކައުންޓް ކުރުމުގައި ބޮޑެތި އަދަދުތަކުން ފަރަގު ހުރި ކަމަށެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ތަފްސީލް
- ޕީއެސްއައިޕީ - 2 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް - 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް - 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓް ލޯނު ދޫކުރަން - 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް - 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީ - 262.6 މިލިއަން ރުފިޔާ
- ސަބްސިޑީ - 1.02 ބިލިއަން ރުފިޔާ
- މުސާރަ އާއި އުޖޫރަ - 24.4 މިލިއަން ރުފިޔާ
ސަޕްލިމެންޓްރީ ބަޖެޓްގައި ޕީއެސްއައިޕީއަށް ދެ ބިލިއަން ރުފިޔާ އިތުރުކުރާ ސަބަބުތަކުގެ ތެރޭގައި ފާއިތުވި އަހަރުގެ ބިލްތަކަށް ފައިސާ ދެއްކުމާއި ފަށާފައިވާ މެގަ މަޝްރޫއުތަކުގެ ދުވެލި އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ހިނގާފައިވާތީ އެ މަޝްރޫއުތަކަށް ފައިސާ ދެއްކުން ހިމެނެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 441.1 މިލިއަން ރުފިޔާ އިތުރުކުރަން ހިމަނާފައިވާއިރު މީގެ ތެރޭގައި އަލަށް އުފައްދާ ޑިވެލޮޕްމަންޓް ބޭންކުގެ އޮޕަރޭޝަންތައް ފަށައިގަތުމަށް ބޭނުންވާ ކެޕިޓަލް ދޫކުރުމަށް ބޭނުންވާ 150 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ ޖުމްލަ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިތުރަށް ބޭނުންވާ ފައިސާއެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެދި ހުށަހަޅާނަމަ ބަޖެޓް ތައްޔާރުކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް އެ ހުށަހެޅުމެއް ތައްޔާރުކޮށް އެ ފައިސާއެއް ނުވަތަ ބަޖެޓެއް ބޭނުންވާ ދުވަހެއްގެ އެއް މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނެފައިވެ އެވެ.