އަހުމަދު ނާޒިމް

ނާޒިމު، ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ގަވަރުނަރާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް ޗައިނާގެ ޝަންޑޮންގް ޕްރޮވިންސްގެ ގަވަރުނަރު ޒައު ނައުޒިއަންއާ ބައްދަލުކުރައްވައިފި އެވެ.

މި ދެ ބޭފުޅުން ބައްދަލުކުރެއްވީ ދުނިޔޭގެ ފެންވަރުގައި ކަނޑުގެ ވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ޗައިނާގައި މިހާރު ކުރިއަށްދާ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިބައްދަލުކުރެއްވުމުގައި ކަނޑުގެ ވެށީގެ ރައްކާތެރިކަން ގެއްލެން މެދުވެރިވާ ކަންތައްތަކުން ކަނޑުގެ ވެށި ސަލާމަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މި ފޯރަމް ކޮންމެ އަހަރަކުވެސް އިންތިޒާމު ކުރަނީ ޗައިނާގެ ޝަންޑޮންގް ޕްރޮވިންޝަލް ޕީޕަލްސް ސަރުކާރާއި ނެޗުރަލް ރިސޯސަސް މިނިސްޓްރީ ގުޅިގެންނެވެ.

ރާއްޖެ އިން ޗައިނާއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ނާޒިމުގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އާއި މަޖިލީހުގެ ބައެއް މެންބަރުންވެސް ހިމެނެ އެވެ.