މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުން އަންނަ މަހަށް

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓު އާންމުކުރުން އަންނަ މަހަށް ހައުސިން މިނިސްޓްރީން ފަސްކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ކުރީގެ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ފުރިހަމައަށް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. ނަމަވެސް އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ހަފްތާގެ ނިޔަލަށް ވަގުތީ ލިސްޓު އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މީގެ ކުރިން އެކި ފަހަަރު މަތިން ބުނެފައިވަނީ ފްލެޓް ލިބޭ މީުންގެ ލިސްޓު މިމަހުގެ ތެރޭގައި އާންމުކުރާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓް، ކުރީ ސަރުކާރުގައި ނޮވެމްބަރު ހަތަރެއް، 2023 ގައި އާންމުކުރި އެވެ. އެ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެވެ.

އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ބުނީ ފްލެޓް ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.

ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.