"ބިންވެރިޔާ" ސްކީމުގެ ދަށުން ގުލީފަޅުން ގޯތި ލިބޭ މީހުންގެ ގުރުނެގުން މާދަމާ ބޭއްވުމަށް ނިންމާފައި ވަނިކޮށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަންތަން ކަނޑައަޅުމަށް ބާއްވާ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ގޯތިތަކަށް ލޮޓް އެލޮކޭޝަން ޕްލޭންގެ ތަފްސީލު އާންމުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އިއްޔެ މިނިސްޓްރީން ވަނީ އާ ލޭންޑް ޔޫސް ޕްލޭނެއް އާންމުކޮށްފަ އެވެ.
އަލަށް އާންމުކުރި ޕްލޭނުގައިވާ ގޮތުން ކުރިން 86 ގޯތި އޮތުމަށް ކަނޑައަޅާފައިވާ ސަރަހައްދު މިހާރު ވަނީ އިންޑަސްޓްރިއަލް ޒޯނަކަށް ބަދަލުކޮށްފަ އެވެ. ކުރިން އެތަނުގައި ހުރި ގޯތިތައް ބަދަލުކޮށްފައިވާ ސަރަހައްދެއް އެނގިފައެއް ނުވެއެވެ.
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސްފައިވާއިރު، މިހާތަނަށް ގުޅީފަޅުން ބިން ހަވާލުނުކުރެވިވާ ފަރާތްތަކާއި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅީފަޅަށް ބަދަލުކުރި މީހުންގެ ގޯތީގެ ގުރުއަތުލުންވެސް މާދަމާ ކުރިއަށްދާނެ އެވެ.
ގުޅީފަޅުން ދޫކުރާ ގޯތީގެ ތަފްސީލް
- 1250 އަކަފޫޓުގެ 669 ގޯތި
- 1650 އަކަފޫޓުގެ 1234 ގޯތި
- 2050 އަކަފޫޓުގެ 916 ގޯތި
- 2450 އަކަފޫޓުގެ 473 ގޯތި
- 2850 އަކަފޫޓުގެ 158 ގޯތި
- 3250 އަކަފޫޓުގެ 49 ގޯތި
- 3650 އަކަފޫޓުގެ 21 ގޯތި
ހައުސިން މިނިސްޓްރީން ބުނީ ބިން ލިބޭ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާން ބޭނުންނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑްގެ ކޮޕީ ގެންދަންވާނެ ކަމަށެވެ.
ގުޅީފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުއަތު ނަގާ ނިމުމުން ގޯތިތަކުގެ ރަޖިސްޓްރީއާއި ގޯތި ލިބޭ ފަރާތްތަކާއެކުގައިވާ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށްވެސް ބުންޏެވެ.
ގުޅިފަޅު