ރާއްޖެ ކުޅިވަރު

އިންތިހާބާ ގުޅޭ މައްސަލަތަކެއް ބަލަން އޭސީސީން ވޮލީ އެސޯސިއޭޝަނަށް

Mar 16, 2016

މި ހަފުތާގައި ބާއްވާ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވޮލީބޯޅަ އެސޯސިއޭޝަނަށް ވަދެއްޖެ އެވެ.

އޭސީސީން ބަލަމުންދާ މައްސަލައަކީ ގަވާއިދާ ހިލާފަށް ވޮލީއެސޯސިއޭޝަނުގެ މެމްބަރުކަން ފަސް ކުލަބަކަށް ދީފައިވާ މައްސަލައެވެ. މި މައްސަލަ ބަލައިދޭން އޭސީސީގައި އެދިފައިވަނީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މުހައްމަދު ނަޝީދު (ކާނަލް) އެވެ.

އޭނާ ބުނެފައިވަނީ އިންތިހާބުގައި ވޯޓުލާ ކުލަބުތަލުގެ ލިސްޓު ވެސް ނުލިބޭ ކަމަށާއި މުއްދަތުހަމަވި ފަހުން ޗަންދާ ދައްކައި ބައެއް ކުލަބުތަކުގެ މެމްބަރުޝިޕް ރަނގަޅުކޮށްދީފައިވާ ކަމަށެވެ.

އެސޯސިއޭޝނުގެ ރައީސް ކަމަށް ކާނަލްއާއެކު ވާދަކުރަނީ ފާއިތުވެދިޔަ އަށް އަހަރު ރައީސް ކަމުގައި ހުންނެވި މިހާރުގެ ރައީސް މުހައްމަދު ރިޔާޒެވެ. މީގެ އިތުރުން އެސޯސިއޭޝަނުގެ ބައެއް އިދާރީ މުވައްޒަފުން ވެސް ބައެއް މަގާމުތަކަށް ކުރިމަތިލައްވާފައިވެ އެވެ.

އޭސީސީއިން މިއަދު ބުނީ ހުރި މައްސަލަތައް ފާހަގަކޮށް ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަށް މިއަދު އަންގާނެ ކަމަށެވެ. ނަމަވެސް އިންތިހާބު ލަސްކުރާނަމަ ކުރާނީ އެ މިނިސްޓްރީން ކަމަށެވެ.