ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގުރު ނެގުމަށް ސަރުކާރު އޮފިޝަލުން ހަމަޖެއްސުމުން ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީ އިން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ސަރުކާރުން ހަމަޖައްސައިދޭ އާ ޕްލޮޓްތަކުގެ ގުރު ނެގުމަށް ސަރުކާރުގެ އޮފިޝަލުން ހަމަޖައްސާފައިވާ މައްސަލަ އާއި ގޯއްޗާއި ފްލެޓްގެ ހައްގުވެރިންނަށް އެތަންތަން ހަވާލުކުރުން ލަސްވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
ކުއްލި މައްސަލަ ބޭރުކޮށްލަން 46 މެންބަރުން ވޯޓު ދެއްވިއިިރު މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އާ ޕްލޮޓްތައް އެކަށަ އެޅުމަށްޓަކައި ބޭއްވޭ ގުރުއަތު ނެގުން އިއްޔެ ފެށިއިރު މިކަން ކުރިއަށް ގެންގޮސްފައިވަނީ ގޯތީގެ ހައްގުވެރިންނަށް ދުރާލާ އެންގުމަކާ ނުލާ ކަމަށް މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ގޯތީގެ ހައްގުވެރިންނަށް ގުރު ނެގުމުގައި ބައިވެރިނުވެވޭ ގޮތަށް ސީދާ މިނިސްޓްރީގެ އޮފިޝަލުން ގުރު ނަގާ ގޮތަށް ހަމަޖެއްސުމަކީ ކޮރަޕްޝަނަށް މަގުފަހިވެ ގޯތީގެ ހައްގުވެރިންގެ މުދަލަކަށް ނުހައްގުން އަރައިގަތުމުގެ ފުރުސަތު ހުޅުވިގެންދާ ގޮތަށް ކުރަމުންދާ ކަމެއް ކަމަށްވެސް މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައިވެ އެވެ.
ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާމެދު ގިނަ ބަޔަކު ކަންބޮޑުވުން ހުރި ކަމަށްވެސް މީކާއީލް ވިދާޅުވި އެވެ.
މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންނަށް ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ސަރުކާރުން ހިންގަމުންދާ އަމަލުތައް ކުށްވެރިކޮށްފަ އެވެ. އަދި އިތުރު ލަސްތަކަކާ ނުލައި ގޯތީގެ ވެރިފަރާތްތަކަށް ގޯތި ހަވާލުކުރުމަށްވެސް ގޮވާލާފައިވެ އެވެ.