ވިޔަފާރި

ކޭބަލްތައް ބަދަލުކުރާއިރު ކަސްޓަމަރުންނަށް ދަތިވެދާނެ: ދިރާގު

Mar 16, 2016
1

ދިރާގު މައި އޮފީސް ކުރިން ހުރިތަނުގައި ވަޅުލާފައިވާ ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާތީ، ކަސްޓަމަރުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ބުނެފި އެވެ.

ޗާންދަނީ މަގު (ސަލްޓަންޕާކް) ކައިރީގައި ކުރިން ދިރާގު މައި އޮފީސް ހުރިތަނުގެ ކޭބަލްތައް ބަދަލުކުރުމުގެ ބުރަ މަސައްކަތް ދިރާގުން ދަނީ ކުރަމުންނެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު މުހައްމަދު އިމްޖާދު ވިދާޅުވީ މިމަހުގެ ނިޔަލަށް މަސައްކަތް ކުރިއަށްދާއިރު، މިއީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެއް ކަމަށެވެ. އަދި މި މަސައްކަތް ކުރަމުންދާއިރު ފިކްސްޑްލައިން އިންޓަނެޓުގެ ހިދުމަތައް ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

"ދަތިތަކާ ކުރިމަތިވިނަމަ ވެސް އެ މައްސަލައެއް ހައްލު ކުރުމަށް ނަގާނީ އެންމެ ގިނަވެގެން 48 ގަޑިއިރު،" އިމްޖާދު ވިދާޅުވި އެވެ.

ކުރިން ދިރާގު މައި އޮފީސް ހުރިތަނުގައި މަސައްކަތް ހިނގަމުންދާ ތަން ދިރާގުން މިއަދު ވަނީ ނޫސްވެރިންނަށް ދައްކާލާފަ އެވެ.

އިމްޖާދު ވިދާޅުވީ މިހާރު ބަދަލު ކުރަމުންދާ ބައެއް ކޭބަލްތަކުގައި 3،000 އަށްވުރެ ލައިން ހިދުމަތް ދިނުމަށް ހުންނާނެ ކަމަށާއި، މި މަަސައްކަތް ކުރަނީ އެ ހުރިހާ ލައިންތަކެއް ކަނޑާލައިގެން ކަމަށެވެ.

ދިރާގުން ވަނީ ސަންޓަލްޕާކުގައި ހުންނަ އެ ކުންފުނީގެ އޮފީސް މައި އިމާރާތައް ބަދަލުކޮށްފަ އެވެ. ގިނަ ހިދުމަތްތައް މި ތަނަށް ބަދަލު ކުރުމާއެކު ކަސްޓަމަރުންނަށް ގިނަ ލުއިތަކެއް ދަނީ ލިބެމުންނެވެ.