ރައްޔިތުންގެ މަޖިލީހުގައި އުފެދޭ ހިޔާލު ތަފާތުވުންތަކުގައި މެންބަރުން ބަހުގެ ހަމަލާތައް ބަދަލުކޮށް، ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް އެއްބަޔަކު އަނެއް ބައެއްގެ އަބުރުނަގާލައި މާރާމާރީއަށް މަގުފަހިވާ ދަރަޖައަށް ދެބަސްވުންތައް ގެންދާތީ ހިތާމަ ކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި އަންހެން ކަނބަލުންގެ ޝަރަފާއި ކަރާމާތައް އުނިކަން ލިބޭގޮތަށް މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ ދިއުން އެ ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށާއި އަންހެނުން ބާރުވެރި ކުރުމަށާއި ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ އަލީގައި މަސައްކަތް ކުރަމުންދާއިރު، މިފަދަ ނޭދެވޭ އަމަލުތައް އިތުރުވަމުންދިއުމަކީ އެމަސައްކަތަށް ހިޔަނި އެޅި ހީނަރުކަން ލިބޭނެ ކަމެއް ކަމަށެވެ.
"... ވަކިން ހާއްސަ ކޮށް ސިޔާސީ މައިދާނަށް އަންހެނުން ނުކުތުމަށް ގޮންޖެހުންތަކެއް ކުރިމަތި ވެދާނެކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ. ގޭތެރޭގައި މައިބަފައިންނާއި ދަރިން އެއްކޮށް ތިބެގެން ބަލަން ނުކެރޭ ދަރަޖައަށް މަޖިލީހުގެ ބައެއް މެންބަރުންގެ ޢަމަލުތަށް ހުންނަކަމީ ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައި ވެއެވެ.
ކޮމިޝަނުން ބުނީ އަންހެނުން ބާރުވެރި ކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށާއި މުޖުތަމައުގެ އަޚްލާގިއްޔާތަށް ނުރަގަޅު އަސަރުތަކެއް ނުކުރާނެހެން، އަބުރުވެރި، ގަދަރުވެރި އަދި ޝަރަފުވެރި ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަމަލުތަށް ބަހައްޓަން ކޮމިޝަނުން ގޮވާލާ ކަމަށެވެ.