އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބުރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.
ގާނޫނަށް ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް 60 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަ މެންބަރުން ވޯޓު ދެއްވި އެވެ.
މި އިސްލާހު މަޖިލީހަށް ބަލައިގަތުމަށް ފާސްވުމުން މި ބިލް ދިރާސާކުރަން ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާތަކުގެ ކޮމިޓީއަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި މިހާރު އޮތް ގޮތުން އެ ކޮމިޝަނަށް ރައީސަކާއި ނައިބުރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންނެވެ.
މި ގޮތުން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން އީސީއަށް ރައީސް އާއި ނައިބުރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.