ރައްޔިތުންގެ މަޖިލިސް

އީސީގެ މެންބަރުކަމަށް ޒަކަރިއްޔާގެ ނަން ފޮނުއްވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ ކޮމިޝަންގެ މެންބަރު ކަމަށް އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 13 ވަނަ ދުވަހަށެވެ.

ހަބީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ނަންތައް ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

މި މައްސަލަ ދިރާސާކުރަން މިއަދުގެ ޖަލްސާގައި ވަނީ މިިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފަ އެވެ.

އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަސަން ޒަކަރިއްޔާ އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ. އޭނާ ވަނީ އީސީގެ ޑިރެކްޓަރެއްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ހަސަން ޒަކަރިއްޔާއަކީ އީސީ އާއި ނޭޝަނަލް އިންޓެގްރެޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް އަހުމަދު ސުލައިމާންގެ އާއިލީ ބޭފުޅެކެވެ.