އެއާޕޯޓް ޓެކުހާއި ފީ އިން މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12.5 ޕަސެންޓް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް ދައްކާ ގޮތުން ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރު 910 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 929.3 މިލިއަން ރުފިޔާ ލިބުނެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 789.5 މިލިއަން ރުފިޔާ އެވެ. އަދި އޭޑީއެފްގެ ގޮތުގައި ލިބުނީ 813 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ޓެކުހާއި ފީ އިތުރުވީ މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުންނެވެ.
ޑިޕާޗާ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި މީގެ ކުރިން ނަގަމުން އައި އެއާޕޯޓް ސާވިސް ޗާޖް އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފެށީ ޖެނުއަރީ 2022 އިން ފެށިގެންނެވެ. މި ޓެކުހުން އިސްތިސްނާވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންނެވެ.
އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ. މީގެ ތެރޭގައި ޓްރާންސިޓް ފަސިންޖަރުންވެސް ހިމެނެ އެވެ. މި ފީ އިން އިސްތިސްނާ ވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި "ޑައިރެކްޓް ޓްރާންސިޓް" ފްލައިޓަކުން ދަތުރުކުރާ ޓްރާންސިޓް ފަސިންޖަރުންނެވެ.
ގާނޫނަށް އިސްލާހު ގެނެސް، އޭޑީއެފް ނަގާ ރޭޓަށް ޖެނުއަރީ 1، 2022 އިން ފެށިގެން ވަނީ ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.
އެގޮތުން އިނޮނޮމިކް ކުލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 އެމެރިކާ ޑޮލަރު ނަގާއިރު ބިދޭސީއެއް ނަމަ 30 އެމެރިކާ ޑޮލަރު ނަގަ އެވެ. ބިޒްނަސް ކުލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނަގާއިރު ފަސްޓް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުން އަތުން 120 ޑޮލަރު ނަގަ އެވެ. ޑިޕާޗާ ޓެކްސް ވެސް ނަގަނީ އެ ރޭޓުގަ އެވެ.
މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާ ބެހޭ ގާނޫނަށް ގެނެސްފައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު އާ ރޭޓްގައި އެއާޕޯޓް ޓެކުހާއި ފީ ނަގަން ފަށާނީ މި އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ.