ވާހަކަ

ނިވެމުންދާ ބައްތި

(އެންމެ ފަހުގެ ބަޔާ ގުޅޭ)

ސައުން ކޮޓަރި ވަނުމަށްފަހު ތަޅުލިއެވެ. އާލިޔާ ވަރިކުރެވުނު ކަމުގެ މައްޗަށް ދެރަވިއެވެ. ހިތް ފުރެން ދެން ރޯން ބޭނުންވިއެވެ. އޭނާ ވަނީ މަޢާފަށް ވުރެ ދުރުގައި ކަމަށް ދެކުނެވެ. އާލިޔާގެ އެކަނިވެރިކަން އިހުސާސް ކުރެވެމުން ދިޔައެވެ. ކުށެއް ނެތް އަންހެން ކުއްޖެއްގެ މުޅިހަޔާތް ވީރާނާ ކޮށްލި ގާތިލެއް ކަމަށް ގަބޫލު ކުރިއެވެ. އަނިޔާވެރި ހިލަ ހިތެއް ލިބިފައިވާ މީހެއްގެ ސިފައިގައި އަމިއްލަ ސޫރަ ސިފަވަމުން ދިޔައެވެ.

" އަހަރެންނަކީ ކިހާ ބޮޑު އަނިޔާ ވެރިއެއް. ނިކަމެތި ކުއްޖެއްގެ މުޅިދިރިއުޅު ބަރުބާދުވީ. އެ ފަދަ އަނިޔާއެއް ދިނުމުގައި އެނިކަމެތި އަންހެންކުއްޖާގެ އޮތީ ކޮންކުށެއް. ލޯތްބަށް އެދުނި އަހަރެން އަދި އެ ލޯބީގައި ކޮޅުފައިން ޖެހިފައި މިވަނީ އަހަރެންނަށް އެފަދަ އަނިޔާ ވެރިޔަކަށް އަހަރެން ވީ ކީއްވެގެން؟ އަހަރެންނަކީ ހަމަ އެހާ ނުބައި މީހަކީތަ؟" ޟަމީރު މަލާމާތް ކުރާހެން ހީވިއެވެ. މޮޔައެއް ފަދައިން އަމިއްލަ ނަފުސާ ހުރިހާ ޝަކުވާ ކުރަމުން ދިޔައެވެ.

" ބަލިވެ އިން ޚަބަރު އަހަރެންނަށް އާލިޔާ ނުދީނީ ކީއްވެ؟ އެކަންތައް ސިއްރުކުރުމުގެ ބޭނުމަކީ ކޮބާ؟ ކިތަންމެ ވަރަކަށް ސިއްރު ކުރިއަސް އަހަރެންގެ ލޭ އަހަރެންނަށް ކެއްސެއް ނުދޭނެ. ދަރިފުޅަށް އަހަރެންގެ ލޯބި ބޭނުންވާނެ. އާލިޔާ ހަމައެހާ ބޮޑަސ ްއަހަރެންނަށްނަފުރަތު ކުރީބާ؟ އަހަރެން އެ ދަރިފުޅަށް ލޯބިދޭން ބޭނުން! ޔާﷲ މިއަޅާގެ ކުށް މިއަޅާ ގަބޫލު ކުރަން. އެފަދަ ބޮޑު ނިންމުމެއް ދިރިއުޅުމުގައި ނިންމުނީ މިއަޅާއަށް އެއްވެސް ކަމެއް އެނގިފައި ނުވާތީ! އަދި އެއްފަހަރު އަހަރެންނަށް މަޢާފް ދީ! އަހަރެންނަކީ ދަރިނަނަށް ނިކަމެތިކަން ދޭނެ މީހެއްނޫން. ދަރިންނަކީ އަހަރެންގެ ފުރާނައިގެ ފިނިކަން. އަހަރެންނަށް މަޢާފް ކުރޭ ދަރިފުޅާ!" އިހުތިޔާރަކައި ނުލައި ނުކުމެގެން ދިޔަ ހިތުގެ ޖަޒުބާތު ތަކާއި އެކު ދެލޮލުން ކަރުނަ ހިލެމުން ދިޔައެވެ.
އަޑު އިވޭ ފަށުގައި މީހަކު ހުރިނަމަ ސައުންގެ ގިސްލުމުގެ އަޑު ސާފުކޮށް އިވުނީހެވެ. އެނދު މައްޗަށް ހުރަހަށް ވާގޮތަށް ސައުން ވެއްޓިގަތެވެ. ނިންކުރީމަތީގައި ކަނާތް ބާއްވާލިއެވެ. މުޅި ކޮޓަރިތެރެ އެނބުރެމުން ދާހެން ހީވިއެވެ. ކުރިމަތިން ފެންނަ ކޮންމެ އެއްޗަކުން ދިރުން ކެޑިފައި ވާހެން ހީވިއެވެ.

އާލިޔާ ގެ ހަނދާން ތަކުން ހިތުގައި ވޭން އަޅަމުން ދިޔައެވެ. އެކުގައި ހޭދަ ކުރެވުނު ކުރު މުއްދަތުގެ ތެރޭގައި ދެމީހުން އެކުގައި ހީއްޞާކުރި އުފާތައް މަތިން ހަދާންވެ ގަދަ ރިހުމަކާއިއެކު ހިތުގެ ހިނގުން ހުއްތެން ދާހެން ހީވިއެވެ. އާލިޔާގެ ސޫރަ ސައުންނަށް ސިފަވަމުން ދިޔައެވެ. އެ މައުސޫމު މޫނުން ފެންނަނީ ހުސް ކަރުނައެވެ. ކުރިން ފެނިފައިވާ ސާދަ ހިނިތުންވުން ވަނީ ގެއްލިފައެވެ. ކުލަ ފަނޑުވެފައިވާ ދެލޮލުން ލޭކަރުނަ ފެންނަމުން ދިޔަކަހަލައެވެ. ފޫދެމުންދާ ކަރުނަތައް ކޯތާފަތް މައްޗަށް އޮހެމުންދާ މަންޒަރު ހިތަށް ސިފަ ކުރެވެމުން ދިޔަ އިރު ސައުންގެ ލޮލުންވެސް ކަރުނަ ހިލެމުން ދިޔައެވެ.
ހިތުގައި ބިންވަޅު ނެގިފައިވާ ބައެއް ވާހަކަތައް މަތީން ހަދާންވިއެވެ. އާލިޔާ ހާޞިލު ކުރުމަށް ސައުން ކުރި މަސައްކަތެވެ. ލޯތްބަށްއެދި ޖެހި ސަލާމެވެ. ޖަވާބަކަށްޓަކައި ކުރި އިންތިޒާރު ތަކެވެ. އެލޯބި ހާޞިލު ކުރުމަށް ވީ ގުރުބާނީއެވެ. ރަހުމަތް ތެރިއެއްގެ މަގާމުން ހަޔާތުގެ ބައިވެރިއެއްގެ މަގާމަށް ގެންނަން މަޖުބޫރުކުރި ހާލަތެވެ. ވިޔަފާރިއާއި އަމިއްލަ ދިރި އުޅުން އަދި ކުދިން ބިކަވެގެން ދިޔަ ވަގުތު އާލިޔާ ވެދިން އެހީތެރިކަމެވެ. އެހެނަސް...

ކައިވެނީގެ ބަނދެވުމުން ބަނދެވުމުގެ ކުރިން އާލިޔާ ތަކުރާރުކޮށް ބުނަމުން ދިޔަ އެއް ވާހަކައެއް ސައުންގެ ހަދާންނަށް އައެވެ. "ސައުންގެ ހަޔާތަށް އަހަރެން އައުމުން ދިއްލުނު ވޮށުގެ އަލިކަން ސައުންގެ އަތުން ނިވާލާ ދުވަހަކީ ސައުންނަށް ޓަކައި އާލިޔާ ވެސް މަރުވުން ކަމަށް ދެކޭތީ. މާޒިއާ އެކުގައި ހަޔާތުން އެއްލޭ ކޮންމެ ގަނޑަކީ އަލުން އިއާދަ ކުރެވޭނެ ސަފުހާ އެއް ކަމަށްދެކެގެން ނުވާނެ. ކިތަންމެ ލޯބިވިޔަސް މާނައެއްނެތް ލޯތްބަކަށް ޓަކައި ކުރާނެ އިންތިޒާރެއް ނޯންނާނެ. އަހަންނަކަށް ވުމަކުން ހިތުހުރިހާ ގޮތެއް ނުހެދޭނެ. މިއީ އާލިޔާގެ ވިސްނުން މިއަށް ފާޑުކިޔާ ގޮތް ކިއުމުގެ ހައްގެއް އެހެން މީހަކަށް ލިބިގެން ނުވާނެ"

އެ ޖުމުލަތަކުގެ ސަބަބުން އުއްމީދުގެ ހުޅުކޮޅު ނިވެމުންދާ ހެން ހީވިއެވެ. މަޑުމަޑުން އަރުތެރެ ބެދޭގޮތް ވަމުން ދިޔައެވެ. ހިތުގެ ހިނގުމާ އެކުގައި ލޭހޮޅިތައް ބެދެމުން ދާހެން ހީވިއެވެ. ނޭވާ ކުރުވެ ހާސްވާގޮތް ވަމުން ދިޔައެވެ. އެހާ ހިސާބުން ނަފުސުގެ މައްޗަށް ބާރު ފޯރުވިއެވެ. ލޭގެ ހިނގުން ހުއްޓި ދިރިހުރުން ކަފުން ވެދާނެ ކަމަށް ދެކުނެވެ. ރުއިމާ ގޮތް ހުސްވުމުގެ ސިފައަކީ ފިރިހެނުންގެ ސިފައެއް ނޫނެވެ. އެ ވިސްނުމާއި އެކުގައި ދެ އަތުން މޫނު ފޮހެލުމަށް ފަހު އެނދުން ތެދުވިއެވެ. ދިރިހުރިހާ ހިނދަކީ އުއްމީދަކީ އޮތް އެއްޗެކެވެ.ހީ ކުރުމާއި ތޯތޯގެ މަތީގައި ކަންތައް ނިންމުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. ހިތާމައިގެ ވަގުތުގައި ހިތް ތިރިކޮށް އަޒުމު އާކުރަން ހިތްވަރު ދިނީ އާލިޔާއެވެ.

އާލިޔާ ވިހެއުމުގެ ކުރިން މާލެ ދިއުމަށް ނިންމިއެވެ. އަދި ސީދާ އާލިޔާގެ ކުރިމައްޗަށް ގޮސް އާދޭސް ކުރުމަށެވެ. ދަރިފުޅުގެ ހައްޤުގައި ވާންޖެހުނު ކޮންމެ ގުރުބާނީއަކަށްވެސް ފަސް ނުޖެހުމަށް އަޒުމު ކަނޑައަޅައި ގެންނެވެ. ވަގުތުން ފޯނު ނަގައި ޓިކެޓްގެ ކަންތައް ހަމަޖެއްސިއެވެ. ޓިކެޓް ކޮންފޯމް ވާނެ އިރެއްގެ އިންތިޒާރުގައި މަޑުކުރިއެވެ.

މިޝްކާ ދޮރުގައި ތަޅަމުން ދިޔައެވެ. ދޮރުހުޅުވަން އެތައް ފަހަރަކު އެދުނެވެ. އެހެންނަމަވެސް އެކަމަކާއި ސައުން އަޅައެއް ނުލިއެވެ. ލެޕަށް ފޮޓޯލީ މީހަކު ބެލުން ސައުންނަށް މުހިންމެއް ނުވިއެވެ. ބޭނުންވީ ވީހާ އަވަހަކަށް މާލެ ދާށެވެ. އާލިޔާގެ ކިބައިން މައާފަށް އެދޭށެވެ. އަދި އަލުން އާލިޔާ ސައުންގެ ހަޔާތަށް ގެންނާށެވެ. ހިތް އަވަސްވަމުން ދިޔައީ އާލިޔާ އާ ލިބެން އުޅޭ ދަރިފުޅު ދެކޭ ހިތުންނެވެ. ގަޑިގެ ކަށި ހިނގަމުން ދިޔަ ވަރަކަށް ސައުންގެ ވިންދުވެސް ދިޔައި އަވަސް ވަމުންނެވެ.
ޓިކެޓް ކޮމްފޯރމްވީ ޖެހިގެން އައި ދުވަހަށެވެ. އިންތިޒާރުގެ ވަގުތު ދިގުވުމުން ހިތް ދަތިކަން ވީ އިތުރެވެ. ފޯނު ނެގުމަށްފަހު ފަހަރަކު ނަމްބަރަކަށް ގުޅަމުން ދިޔައެވެ. ހުއްޓާ ނުލައި ކުރެވުނު މަސައްކަތުން އާލިޔާގެ ގޭގެ ފޯނު ނަމްބަރު ލިބިއްޖެއެވެ. ނަމްބަރު ލިބުމުން މޫނު މަތިން ހާސްކަން ކުޑަވާ ގޮތްވިއެވެ. ފެންތައްޓެއް ބޯލުމަށް ފަހު ރަނގަޅަށް ހަމަޖެހިލިއެވެ. ހިތުގެ ތެރޭގައި ދައްކާނެ ވާހަކައިގެ ރިހާ ސަލެއް ހިނގަމުން ދިޔައެވެ.

ފަހަރަކު އަދަދަކަށް ފިތަމުން ގޮސް އެންމެ ފަހު އަކުރަށް ފިތާ ލުމުގެ ކުރިން އަތް ދަމައި ގަނެވުނެވެ. ފޯނު ނަގާނެ މީހަކު ނޭނގޭތީއެވެ. އެ އާއިލާގެ މީހަކާއި ކުރިމަތިލުމަކީ ސައުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. އެމީހުން ދެކޭނެ ގޮތެއް ނޭނގޭތީއެވެ. ސައުންނަށް ވިސްނެމުން ދިޔައީ އެމީހުން ތިބޭނީ ވަރަށް ނުރުހުން ވެފަ ކަމެވެ. އެ ހާލުގައި ވަނިކޮށް ވަރިކޮށްފަ އެއްލާލުމަކީ ރަހުމު ހުރި ފިރިހެނަކު ކުރާނެ ކަމެއް ނޫނެވެ.

ފޯނު ކައިރީގައި ބޭއްވިއެވެ. ގުޅާނެހާ ހިތްވަރެއް ނުލިބުނެވެ. އެހެން ނަމަވެސް އެނބުރި މާލެ ދިއުމުގެ ވިސްނުން ބަދަލު ކުރާކަށް ބޭނުމެއް ނުވިއެވެ. އަދި އެއްވެސް މީހަކަށް އޮޅުވާލައިގެން ކަމެއް ކުރާކަށް ވެސް ބޭނުމެއް ނުވިއެވެ.
އެނދުން ތެދުވުމަށް ފަހު މިޝްކާގެ ކޮޓަރިއަށް ގޮސް ވަނެވެ. އޭރު މިޝްކާ ކޮންމެސް މީހަކާއި ފޯނުން ވާހަކައެއް ދައްކަން ހުއްޓެވެ. ކުޑަކޮށް މަޑު ކޮށްލުމަށް ފަހު އެނދުގައި އިށީނެވެ. އެތަން ފެނުމާ އެކުގައި މިޝްކާ ފޯނު ކަނޑާލިއެވެ. އަދި ސައުންގެ ކައިރިއަށް އައިސް އިށީންނަމުން ކޮންކަމަކާ ވިސްނަނީހޭ އަހާލިއެވެ. " އެވަރަށް ދޮރު ހުޅުވާށޭ ބުނީމަވެސް، ދޮރު ނުހުޅުވާ ކޮންކަމެއް ކުރީތަ؟"

ސައުން: މާބޮޑު ކަމެއް ކުރީކީ ނޫން މާލެދާން ދަތުރު ހެދީ!
މިޝްކާ: ކިހިނެއްވީ ކުއްލިއަކަށް މާލެދާން ޚިޔާލު ތިޔަ ކުރީ. ކުރީ ދުވަހު ނޫންތަ ބުނީ މިމަސް ނިންމާ ލައިފައޭ ދާނި.
ސައުން: ޚަޤީގަތް އެނގިހުރެ ކީއްވެ ތިހެން ތިބުނީ؟ އަހަރެން މާލެ ދާންޖެހޭނެ ކަން އެންމެ ރަނގަޅަށް އެނގޭނީ މިޝްކާއަށް.
ސައުން ގެ މޫނުމަތިން ނުރުހުން ފާޅުވަމުން ދިޔައެވެ. އެހެން ބުނުމުން މިޝްކާގެ މެޔަށް ހޫނު ފެން އެއްޗެއް އެޅުނުހެން ހީވިއެވެ. ސައުންނަށް އާލިޔާ ބަނޑު ބޮޑުކަން އެނގޭކަން ޔަޤީންވިއެވެ. އެހެން ނަމަވެސް ނޭނގޭ ކަމަށް ހަދާފައި އިތުރަށް ސުވާލު ކުރިއެވެ.
މިޝްކާ: ކީއްވެ ތިހެން ތިބުނީ އަހަރެންނަށް ކޮންކަމެއް އެނގޭ ވާހަކަ ތިޔަ ބުނީ. އަހަރެންނަކަށް ނުވިސްނުނު.
ސައުން: ވިސްނޭކަމަކަށް ނުވާނެ ހުރިހާ ކަމެއް އެނގި ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް.
މި ހުރިހާ ދުވަހު ތިޔަ ހުރީ އެކަންތައް އަހަރެންނަށް ސިއްރު ކޮށްގެން ދޯ!
މިޝްކާ: ކޮންކަމެއްތަ ތިޔަ ކިޔާ އެކަށްޗެއް ވެސް މަށަކަށް ނޭނެގެ.ސައުން: ނޭނެގެއޭ ހުރިހާ ކަމެއްވެސް މިޝްކާއަސް އެނގެ އެނގޭތީ ނޫން މާހިތް ދަތި ކުރަން އާލިޔާގެ ފޮޓޯ އަހަރެންގެ ލެޕަށްލީ ކޮންކަމަކަށްމައިމްތިހާނު ކުރަންތަ؟
މިޝްކާ: ފޯޓޯ ލެޕަށްލީއޭ ކޮންއިރަކުތަ؟ މަށެއް ނުދެނަހުރީން ކިހިނެއްވީތަ؟ ފޮޓޯއަކުން ކިހިނެއްވީތަ؟
ސައުން : ހަޤިގަތް އެނގިހުރެ ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް .ކުރިން އެކަން އެނގުނުނަމަ ...
މިޝްކާ: ކޮންކަމެއްހޭ އަހަރެން ސިއްރުކުރީ މިއަދު ކީކޭ ކިޔަން ތިޔަ އުޅެނީ ކޮންމެސް މީހަކު އަހަރެމެން ހަމަޖެހިގެން އުޅޭތީ ހިތް ދަތިވީ! ނުވާނެ، ތީ އާލިޔާގެ ކަމަކަށް ނޫނީ.

އާލިޔާގެ ނަން އައި ހިސާބުން ސައުންގެ ލޭ ހޫނުވިއެވެ. ރުޅި ކޮންޓް ރޯލުން ނެއްޓިއެވެ. " ތާކު ތިބޭހާ ބައެއްގެ ބޮލުގައި ދޮގު ތުހުމަތު ނާޅުވާ އަހަރެން އާލިޔާ ދޫކޮށްލީކީ ލޯބި ނުވާތީއެއް ނޫން. ކުދިންނާ އެކުގައި ވަގުތު ހޭދަ ކޮށްފަ އާލިޔާއަށް ދޭނެ ވަގުތެއް ނުވާތީ. އަދި ފިރިއަކުން ދޭން ޖެހޭ ހުރިހާ ވަގުތެއް ނުދެވޭތީ. އަދި އެންމެންގެ ޝަކުވާ ތަކަށް ދޭނެ ޖަވާބެއް ނެތުމުމުން. އެކަމުން އޭނަގެ ހިތަށް ލިބޭނެ ކެކުޅުމަށް ބަލާފައި މާނައެއް ނެތް ކައިވެންޏެއްގައި ގައިދުން ކޮށްގެން ގެންގުޅެން ބޭނުންނުވީ. މިޝްކާ އަހަރެން ދެވަނަ ފަހަރަށް ބަލައިގަތީ ކުދިންނަށް ޓަކައި މިޝްކާ ބަލައިގަތް ގޮތަށް އާލިޔާ އަލުން އަހަރެންގެ ހަޔާތަށް ގެންނަށް ބޭނުން މިކަމާއި މިޝްކާ ރުހޭތޯ އަހަރެން ބަލާކަށް ބޭނުމެއް ނޫން. އަހަރެންގެ ދަރިއަކު އަހަރެންގެ ލޯބިން މަހުރޫމުވެ އެހެން ހިމާޔަތެއްގެ ދަށުގައި އެކަނިވެރި ވާކަށް ދޫކޮށެއް ނުލާނަން. އަހަރެންނަކީ މަކަރުން، ކަންތައްތައް އޮޅުވާލައިގެން ކުރަން ބޭނުންވާ މީހެއްނޫން. މިކަމާ ނުރުހުން ނުވާނެ ކަމަށް ހީކުރަން.

އެހެން ބުނުމަށް ފަހު ކޮޓަރިން ނުކުތެވެ. ކޮޓަރީގެ ދޮރު ޖެހުނުލެއް ބާރު ކަމުން އެއަޑަށް ޒޯޔާ ދިޔައީ ސިއްސައިގެނެވެ. ކަމެއް ގޯސްވެއްޖެ ކަން އެނގުމުން ކޮޓަރިން ނުކުމެ ތިރި ބަލާލިއެވެ. ބައްޕަ ބާރަކަށް ހިނގާފަ ގެއިން ނުކުންނަށް ދާތަން ފެނުމުން އަވަސް އަވަހަށް ތިރިއަށް ފޭބިއެވެ.

މަންމަރޮމުން ރޮމުން ކޮޓަރިން ނުކުމެ ބައްޕަ އަށް ގޮވަމުން ދިޔައެވެ. ޒޯޔާ އަށް މިވަނީ ކީއްކަން އެނގުމުން ކުޑަކޮށް ޖެހިލުން ވާގޮތް ވިއެވެ. މަންމައާ ބައްޕަގެ ދެމެދުގައި އެ އުފެދުނު ކޯޅުމުގެ އަސްލަކީ ޒޯޔާ ލީ ފޮޓޯކަން އެނގުނެވެ. އެހެންވެ އެކަމާ ކުޑަކޮށް ދެރަވިއެވެ. އަދި މަންމެގެ މަކަރުވެރިކަމުގެ ހަޤީގަތް ކޮންމެ ގޮތަކަށް އޮތަސް މަންމަގެ ހާލާ މެދު ހަމްދަރުދީ ވާން ބޭނުމެވެ. ނަމަވެސް ... ބައްޕަ ދެކެ ޒޯޔާ މާބޮޑަށް ލޯބިވެއެވެ. އެހެންކަމުން ބައްޕަ އަށް ހަޤީގަތް އެނގުމުން އެއަށް ވުރެ ބޮޑަށް ޒޯޔާ ވީ އުފަލެވެ.

މިޝްކާ ގޮސް ވަނީ ސައުންގެ ކޮޓަރިއަށެވެ. ޒޯޔާ މިޝްކާގެ ފަހަތުން ދާން ދިޔައެވެ. އެނދުމަތީގައި ލެޕް ހުޅުވާލައިފަ ހުރުމުން މިޝްކާ ފުރަތަމަ ވެސް ބެލީ ލެޕެވެ. ދެލޯ ބޮޑުކޮށްގެން އަނގަ ތަންމިނަށް ހުޅުވައިގެން ކަޅި ހުއްޓިފައި ހުއްޓެވެ. އާލިޔާގެ ފޮޓޯގަނޑު ސައުންގެ ލެޕުން ފެނުމުން އެތައް ސުވާލެއް އުފެދުނެވެ. އަދި ޖެހިލުންވެ ބިރުގަންނަ ގޮތްވިއެވެ. ހުރިހާ ކަމެއް ފަޅާއެރީ ކަމަށް ދެކުނެވެ. ފައިސާ ދީގެން ކުރުވި ހުރިހާ ކަމެއްގެ މަތިން ހަދާންވެ މޭތެޅިގަތެވެ. ސަލާމަތް ނުވާނެ ކަން ޔަޤީން ވިއެވެ. މޫނުމަތިން އޮއްދާ ނަގާ މުޅިމީހާ ތުރުތުރު ލަމުން ދިޔައެވެ. ލެޕު ލައްޕާލުމަށް ފަހު ކުއްލިއަކަށް ކޮޓަރިން ނުކުތެވެ. ކުރަން އައިކަންތައް ހަނދާން ނެތުނެވެ. މުޅިމީހާ ދާހިއްލަ ފޯވަމުން ދިޔައެވެ. ދެ އަތުން ނިތްކުރިމަތިން ފައިބަމުން ދިޔަ ދާތައް ފޮހެ ލަމުން ގޮސް ވަނީ ކޮޓަރިއަށެވެ. ފުރަތަމަ ނަޒަރުން އަޅައި ގަތީ ގެއްލިގެން އުޅުނު ފޯނެވެ. ޑްރެސިންގ ޓޭބަލުގެ މަތީގައި އޮތެވެ. މިހުރިހާ އިރު ފޯނު ހޯދުނީ މިތާ އޮއްވަ ތާއޭ ހިތަށް އެރިއެވެ.

އަވަސްއަވަހަށް ނަމްބަރަކަށް ގުޅާލިއެވެ. އަދި ވަރަށް ރުންކުރު ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ. ''އަހަރެން އަތުން ލާރި ހޯދައިގެން ކަލޭ ހުރިހާ ކަމެއް ސައުންނަށް ކިޔައި ދިނީދޯ! އަދި އާލިޔާގެ ފޮޓޯތައް ވެސް އޭނަޔަށް ވެސް ފޮނުވީ. ކީއްވެ އެ ވަރުބޮޑު ލަނޑެއް އަހަރެންނަށް ތިޔަ ދިނީ. އަހަރެން ކަލޭ ބުނި ވަރަކަށް ފައިސާ ދިނިން ބުނިހާ ކަމެއް ކޮށްދިނިން. އާލިޔާއާ ސައުން ދުރުކުރުމުގައި އެވަރު ބޮޑު އެހީތެރި ކަމެއް ވުމަށް ފަހު މިއަދު އަހަރެންނާއި ސައުން އެކުގަ އުޅެފާނެތީ ތިޔަ ކުރީ ކިހާ ގޯސް ކަމެއް"

އެހެން ބުނަމުން މިޝްކާ ރޯން ފެށިއެވެ. އެކޮޅުން އަނގައިން ވެސް ނުބުނުމުން ފޯނަށް ރަނގަޅަށް ބަލާލިއެވެ. ރައްޓެހި ސައުދާ ކަމަށް ގުޅިފައި ހުރީ ސައުންގެ ނަމްބަރަށެވެ. އެ ކޮޅުން އަނގައި ވެސް ނުބުނެ މިޝްކާ ދެއްކި ވާހަކަތައް އަޑު އެހިކަން އެނގުމުން ފޯނު އަތުން ދޫވިއެވެ. މޫނު މައްޗަށް އަނދިރި ވަމުން ދިޔައެވެ އަރި އަޅާލަމުން ދިޔައިރު ކުރިމަތީގައި ސައުން ފޯނު ކަންފަތުގައި ޖަހައިގެން ދެލޯ ބޮޑު ކޮށްގެން ދެބުމަ ގޮށްޖަހައިގެން ހުއްޓެވެ. (ނުނިމޭ)