ހަންގޭރީ

ޓްރަމްޕް ސަރުކާރުން ޔުކްރޭނަށް އަޅައެއް ނުލާނެ: އޯބަން

އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައި ގަތުމަށްފަހު ހިނދުކޮޅެއްގެ ތެރޭގައި ޔުކްރޭން ހަމަނުޖެހުންތަކުން އެމެރިކާ ދުރުކުރާނެ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ވިދާޅުވެއްޖެ އެވެ.

ޔުކްރޭން ހަނގުރާމައަށް ތެޔޮއަޅާ ގައުމެއް ގޮތުގައި އޮތް އޮތުން އެމެރިކާ ދޫކޮށްލުމުން -- ޔޫރަޕިއަން ޔޫނިއަނުން ރަޝިއާއަށް ދަތިކުރުމުގެ ހިތި ރަހަ އެކަމުގައި އިސްކޮށް އުޅުއްވި ލީޑަރުންގެ ކަރުބުޑަށް ފޭދިގަންނާނެ ކަމަށްވެސް އޯބަން ވިދާޅުވި އެވެ.

ޔޫރަޕްގެ ބައެއް ލީޑަރުން އަދިވެސް އެދިވަޑައިގަންނަވަނީ ޔުކްރޭން ހަނގުރާމައަށް ހޭދަކުރަން ކަމަށްވެސް އޯބަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޔޫރަޕުން ކިތަންމެ ފައިސާއެއް ޔުކްރޭނަށް ހޭދަކުރި ނަމަވެސް ޔޫރަޕުން ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވިއިރު ޓްރަމްޕް ވަނީ ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ރައީސްކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ 24 ގަޑިއިރު ތެރޭގައި ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ ކަމަށެވެ.

އޭނާ ވެރިކަމުގައި ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުހިނގާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޣައްޒާ ހަނގުރާމަ އަކީވެސް މިހާރު އެ ހިނގާ ޒާތަށް ކުރެވޭނެ ހަނގުރާމައެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޯބަން ވިދާޅުވީ ޓްރަމްޕްގެ ޒައާމަތުގައި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އޭގެ ބޮޑުކަމުން އެންމެ ސާފުކޮށް ބަލަން ބޭނުން މީހަކު ދާންޖެހޭނީ ހަނދު ދޫކޮށްފައި މާސްއަށް ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭނަށް ކާމިޔާބު ހޯދައިދިނުމަށް ނުކުމެ ތިބި ސިޔާސީ މީހުންނަށް އެ މީހުންގެ މަސައްކަތްތަކުން ނޭދެވޭ ނަތީޖާއެއް ނުކުމެދާނެކަން ކުރިންވެސް އެނގޭ ކަމަށް އޯބަން ވިދާޅުވި އެވެ.

ޓްރަމްޕްގެ ޒައާމަތުގައި ޔޫރަޕަށް ބޭނުންހާ ގޮތަކަށް ނޫޅެވޭނެ ކަމަށްވެސް އޯބަން ވިދާޅުވި އެވެ. މިއީވެސް ޔޫރަޕްގެ ގިނަ ލީޑަރުންނަށް އެނގިވަޑައިގަންނަވާ ކަމެއް ކަމަށްވެސް އޯބަން ވިދާޅުވި އެވެ.

މި ހުރިހާ ކަމަކާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަނަށް ލަފާދެއްވާފައި ވާނެ ކަމަށްވެސް އޯބަން ވިދާޅުވި އެވެ.