މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީއެފްޒެޑް)

އިހަވަންދިއްޕޮޅު ތަރައްގީކުރަން ފްރޭމްވޯކު އެއްބަސްވުމެއް

ރާއްޖޭގެ އުތުރުގައި ހިންގުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ތަރައްގީކުރަން ނިންމާފައިވާ ބަނދަރާއި އެހެނިހެން ހިދުމަތްތައް ގާއިމުކުރުމަށް ސިންގަޕޫރުގެ އިންވެސްޓްމަންޓް ފާމް -- ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްއާ އެކު ފްރޭމްވޯކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް ފްރީ ޒޯން މަޝްރޫއަކީ އެސްޓީއޯއާއި އެމްޕީއެލްއާއި ސަރުކާރުގެ ބައެއް ކުންފުނިތައް އެކުވެގެން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އިން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏާއި ކެޕިޓަލް އޭޝިއާ އިންވެސްޓްމެންޓްސްގެ މެދުގައި ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއި ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ކެޕިޓަލް އޭޝިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސާ ޖޯޖް ޓަން އެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް އެވެ.

މިރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް އާ ވިޔަފާރިތައް ފެށުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ. އެ އަމާޒަށް ވާސިލްވުމަށް ކުރިއަށް ގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގައި ބަނދަރުތަކާއި އިންފްރަސްޓްރަކްޗާއާއި ފަތުރުވެރިކަމާ ގުޅުންހުރި ގިނަ ވަސީލަތްތައް ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.

ޝިމާދު ވިދާޅުވީ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްއާ އެކު މިއަދު ސޮއި ކުރި ފްރޭމްވޯކް އެއްބަސްވުމަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ހިމެނޭ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދައިގެން އެ މަސައްކަތްތައް ފެށުމަށް މަގުފަހިކުރަން ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް އަކީ ރާއްޖޭގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތަކަށް މީގެކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ބައެކެވެ.

ޝިމާދު ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ހިމެނޭ މަޝްރޫއުތަކުގެ ފީސިބިލިޓީ ހެދުމާއި ކަމާ ގުޅޭ އެހެން ދިރާސާތައް ހެދުމަށް ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްގެ ފައިސާގެ އެހީތެރިކަން ހޯދާނެ ކަމަށެވެ. އަމާޒަކީ ކުރިއަށް އޮތް ހައެއްކަން މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްއާ އެކު އިތުރު އެއްބަސްވުމެއް ހަދައިގެން 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުން ކަމަށްވެސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްގެ ޗީފް ކޮމާޝަލް އޮފިސާ ޖޯޖް ޓަން ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ފާހަގަކުރެވޭ ގައުމަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ދަށުން ރާއްޖޭގައި ޒަމާނީ ވަސީލަތްތަކެއް ގާއިމުކުރެވި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.