ރާއްޖެ ކުޅިވަރު

އެކްސްކޯގެ ވޯޓު ލިބިގެން ވޮލީގެ ރައީސްކަން އަނެއްކާ ވެސް ރިޔާޒަށް

Mar 17, 2016

ކުލަބުތަކުގެ މެދުގައި ދެ ބުރަކަށް ވޯޓުލައިގެން ވެސް އެއްވަރުވުމުން އެކްސްކޯ މެމްބަރުންގެ މެދުގައި ނެގި ވޯޓުން ކުރި ހޯއްދަވައިގެން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްކަން އަނެއްކާ ވެސް މުހައްމަދު ރިޔާޒް ކާމިޔާބުކޮށްފި އެވެ.

ޖެހިޖެހިގެން ތިން ވަނަ ދައުރަކަށް އޭނާ މިއަދު އިންތިހާބުވީ ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް)އާ ވާދަކޮށްގެންނެވެ.

އިންތިހާބުގައި ވޯޓުދިން 16 ކުލަބުގެ ތެރެއިން ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަތީ އަށް ވޯޓެވެ. އެކްސްކޯ މެމްބަރުންގެ މެދުގައި ވޯޓު ނަގަން ޖެހުނީ ކުލަބުތަކުގެ ވޯޓުގައި ދެ ބުރު މަތިން ވެސް އެއްވަރުވުމުންނެވެ. ވޮލީ އެސޯސިއޭޝަނުގެ އަސާސީގަވާއިދުގައިވަނީ މިފަދަ ހާލަތެއްގައި އެކްސްކޯ އަށް މެމްބަރުން ހޮވުމުގެ ފުރުސަތު ލިބޭނީ މިހާރުގެ އެކްސްކޯ އަށް ކަމަށެވެ.
އެސޯސިއޭޝަނުގެ ނާއިބް ރައީސަކަށް ހޮވުނީ ފާއިތުވެދިޔަ އަށް އަހަރު ވެސް އެ މަގާމުގައި ހުންނެވި އިލްޔާސް ވަހީދެވެ.


މިއަދުގެ އިންތިހާބު ފެށުމުގެ ކުރިން ކާނަލް ވަނީ ބައެއް ކުލަބުތަކަކީ ގަވާއިދާ ހިލާފަށް މެމްބަރުޝިޕް ދީފައިވާ ކުލަބުތައްކަމަށް ބުނެ ރިޔާސަތުން އެކަން ބައްލަވާދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ވޮލީގެ ރައީސްކަމަށް 2008 ވަނަ އަހަރު ވަޑައިގަތުމުގެ ކުރިން ރިޔާޒް ހުންނެވީ ނާއިބް ރައީސަކަށެވެ. އޭނާ އަކީ ކުރިން ރާއްޖޭގެ އެއްވަނަ ވޮލީރެފްރީ އެވެ.