އދގެ މޫސުމީ އަހަރީ ސަމިޓް -- ކޮޕް29، މި އަހަރު ކުރިއަށް ގެންދަން އޮތީ އަޒަރުބައިޖާންގެ ވެރިރަށް ބަކޫގައި، ނޮވެމްބަރު 11 – 22 އަށެވެ.
މިއީ ތިމާވެއްޓާ ބެހޭ ގޮތުން އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދުނިޔޭގެ ލީޑަރުން ބައްދަލުކުރައްވައި ސައްލާކުރައްވާ އެންމެ ބޮޑު އެއްވުމެވެ.
ކޮޕް ސަމިޓްތަކަކީ ބާރުގަދަ ގައުމުތަކުގެ ވެރިން އެއް މޭޒުދޮށަށް ވަޑައިގެން ސައްލާކުރައްވާ ސަމިޓެއް ނަމަވެސް މި އަހަރުގެ ސަމިޓް ފެންނަނީ ތަންކޮޅެއް ވަނދުކޮށެވެ.
މޫސުމަށް ނުރައްކާވާ ކަމަށް ބުނާ ސިނާއީ ހަރަކާތްތައް އެންމެ ގިނައިން ހިންގާ ގައުމުތަކުގެ ވެރިން މިފަހަރުގެ ސަމިޓަށް ވަޑައިނުގަންނަވަ އެވެ.
ކޮޕް29 ގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޗައިނާގެ ރައީސް ޝީ ޖިންޕިން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްރޮން މި ސަމިޓަށް ވަޑައެއް ނުގަންނަވަ އެވެ.
މި ސަމިޓްގައި މައިގަނޑު މަޝްވަރާ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަަބުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަދި އެއަށް ވުރެ ދަށް ފަންތީގެ ގައުމުތަކަށް އެހީދިނުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކެވެ.
އދގެ ވިސްނުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ފަގީރު ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކޮށްދޭން ތިބި ބަޔަކީ، އިގުތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކެވެ. ނަމަވެސް އެމެރިކާގެ ވެރިކަން ބަދަލުވުމާ ގުޅިގެން އދއިން ހިންގާ މޫސުމީ މަސައްކަތްތަކަށް ހުރަސްއެޅިދާނެ ކަމަށް މިހާރު އޮތީ ބެލެވިފަ އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި އދގެ ބައެއް ހަރަކާތްތައް ހުއްޓުވާނެ ކަމަށް އޮތީ ބެލެވިފަ އެވެ. ނުވަތަ އދއަށް ފަންޑުކުރުން މަދުކުރަން އޮތީ ވިސްނާފަ އެވެ.
މިހެން ކަން އޮތުމުން ޓްރަމްޕްގެ ޒައާމަތުގައި މޫސުމީ ދިރާސާތައް ހީނަރުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އދގެ މޫސުމީ ފަންޑަށް ފައިސާ ޖަމާކުރާނެ ގޮތަކާ ބެހޭ ގޮތުން މި ސަމިޓްގައި މަޝްވަރާކުރެވޭނެ އެވެ. ހަބަރުތައް ބުނާ ގޮތުޮން މިއީ ފައިސާއާ ގުޅުން ހުރި މުއާމަލާތްތަކަކަށް ވާތީ ހޫނުގަދަ މަޝްވަރާތަކަކަށް ވާނެ އެވެ.