އާސަންދަ

އާސަންދައަށް މުއްސަނދިން ހޭދަކުރަންޖެހޭ ގޮތް ހަދަނީ

އާސަންދަ ނިޒާމު އިސްލާހުކޮށް ހަރަދަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެންމެ މުއްސަނދިން އަންނަ އަހަރުން ފެށިގެން ވަކި އަދަދެއް އެ ނިޒާމަށް ހަރަދުކުރަންޖެހޭ ގޮތަށް ބަދަލު ގެންނަން ސަރުކާރުން ނިންމައިފި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފޮތުގައި އާސަންދައަށް ދައުލަތުން ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް އަޅަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ މައުލޫމާތުތަކެއް ހިއްސާކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުން ރިކަރަންޓް ހަރަދުގެ ގޮތުގައި ހޭދަކުރާ ޖުމްލަ ހަރަދުގެ 5.1 ޕަސަންޓަކީ އާސަންދައަށް ކުރާ ހަރަދެވެ. އަންނަ އަހަރު އާސަންދައަށް ކުރާ ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ 1.85 ބިލިއަން ރުފިޔާ އެވެ. މިއީ މިއަހަރަށް އާސަންދައިގެ ހަރަދުތައް ހުންނާނެ ކަމަށް ލަފާކުރާ މިންވަރަށް ވުރެ 19 ޕަސަންޓް ދަށް އަދަދެވެ.

ސަރުކާރުން އާސަންދަ ނިޒާމަށް ގެންނަ ބަދަލުތަކާ އެކު އާސަންދަ އިން 600 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއް ކުޑަކުރެވޭނެ ކަމަށް ލަފާކުރެ އެވެ.

އާސަންދައަށް ކުރާ ހަރަދު އަންނަ އަހަރު ކުޑަކުރެވޭ ސަބަބުތަކުގެ ތެރޭގައި ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކޮށްގެންނާއި، ސެންޓްރަލް ޕްރޮކިއުމަންޓް ނިޒާމެއްގެ ތެރެއިން ބޭހުގެ އަގު ކުޑަކުރުމާއި، އާސަންދައިން ބައެއް ބޭސްތަކަށް މިހާރު ކަނޑައަޅާފައިވާ އަގުތައް މުރާޖައާކުރުން ހިމެނެ އެވެ.

އާސަންދައަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން އެންމެ މުއްސަނދި މީހުންނަށް އަމާޒުކޮށް ބޭހާއި އައުޓް ޕޭޝަންޓް ހިދުމަތްތަކަށް ކޮންމެވެސް މިންވަރެއް ކޮންޓްރިބިއުޓް ކުރަން ނުވަތަ އަމިއްލައަށް ހަރަދުކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށްވެސް ހިމަނާފައިވެ އެެވެ. އަދި އިންކަމް ޓެކްސް ދައްކާ ފަރާތްތަކުން ޕްރީ ޕޭމަންޓެއް ނަގައި ނިޒާމު ފައިނޭންސް ކުރަން ހިއްސާކުރާ ގޮތަށް ހެދުމަކީވެސް އާސަންދައަށް ކުރާ ހޭދަ ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ.

އެންމެ މުއްސަނދި މީހުން ކަމަށް ސަރުކާރުން ބަލަނީ 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންނެވެ.

މީގެއިތުރުން އާސަންދަ ސްކީމުން ޕްރައިވެޓް ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި ދޭ ހިދުމަތްތަކަށް ޕެކޭޖު އަގުތައް ކަނޑައަޅައި ހާމަނައިޒް ކުރުމަށްވެސް ހިމަނާފައިވެ އެވެ.

މިބަދަލުތައް އަންނަ އަހަރު ތަންފީޒު ކުރެވޭނެ ކަމަށް ފެންނާތީ މެދުރާސްތާގައި އާސަންދަ ހަރަދު އިތުރުވާ މިންވަރު ދަށްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

"މިބަދަލުތަކުގެ ސަބަބުން އާސަންދައިގެ ހަރަދުތައް އެފިޝަންޓް ކުރެވި މިހާރު ކުރިމަތިވާ މޯރަލް ހެޒަޑްއާ ގުޅޭ މައްސަލަތަކަށްވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދި ސަރުކާރުން ސިއްހީ ހިދުމަތް ކުރާ ހޭދަ މިހާރަށް ވުރެ ބޮޑަށް އިކުއިޓަބަލް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް ބޮޑަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދެއްވޭ ގޮތަށް ބަދަލުކުރެވިގެންދާނެ އެވެ،" ބަޖެޓް ފޮތުގައިވެ އެވެ.