އިންޑިއާ

އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

އިންޑިއާގައި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އިންޑިއާގެ ބެންގަލޫރުގެ ހޮޓަލެއްގައި މިދިޔަ ބުދަ ދުވަހު މަރުވެފައި އޮއްވާ ފެނުނީ ހަސަން ސުހައިލް (43 އ) އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަސަން އިންޑިއާއަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އޭނާ ރާއްޖެ އައުމަށް ހަމަޖެހިފައި އޮތީ މިއަދުގެ ވަގުތެއް ގައެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ހޮޓަލުން ޗެކައުޓް ވާން އޮތް ދުވަހު ކަމަށްވެސް އެނގިފައިވެ އެވެ.

ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި ހަސަން މަރުވީ ލޭގެ ޕްރެޝަރު ދަށްވުމާއި ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެންނެވެ.

ހަސަން ހޮޓަލުން ނުކުންނަން އޮތް ދުވަހު ނުނިކުމެ އަދި އޭނާގެ ހަބަރެއް ނުވުމުން ހޮޓަލުން ފުލުހުންނަށް ގުޅީ އެވެ. އަދި ފުލުހުން ގޮސް ހަސަން ހުރި ކޮޓަރީގެ ޑަބަލް ކީ ބޭނުންކޮށްގެން ދޮރު ހުޅުވިއިރު ހަސަން ފެނުނީ ތަޅުން މައްޗަށް ވެއްޓިފައި އޮއްވަ އެވެ.

ހަސަންގެ މަރާ މެދު ޝައްކުތަކެއް ކުރެވުނު ނަމަވެސް އާއިލާ އިން ޕޯސްޓްމޯޓަމް ހަދަން އަދި ހުއްދަ ނުދޭތީ އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ރަމާއިއާ ހޮސްޕިޓަލްގެ މޯޗަރީގަ އެވެ.