ޑޮލަރު މާރުކުރަން މަޖުބޫރުކުރުމަށް ހަދާފައިވާ ގަވައިދު ބަދަލު ނުކުރާނެ ކަމަށާއި އެ ގަވައިދާ އެއްގޮތަށް ހުރިހާ ފަރާތްތަކަކުންވެސް ޖެހޭނީ ޑޮލަރު މާރުކުރަން ކަމަށް ވިދާޅުވެ އެ ގަވައިދާ ދެކޮޅު ހަދަމުންދާ ފަރާތްތަކަށް ރައީސް ޑރ. މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޖެނުއަރީ އެއްވަނަ ދުވަހު އަމަލުކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން އެކުލަވާލާފައިވާ ގަވައިދަށް ބަޔަކު ދެކޮޅު ހެދި ނަމަވެސް އެ ގަވައިދު ބަދަލުނުކުރާނެ ކަމަށެވެ.
"މިދަންނަވަނީ ގަވައިދު ބަދަލެއް ނުކުރާނަމޭ، ގަވައިދު ބަދަލެއް ނުކުރާނަމޭ. ސާފުކޮށް މިބުނަނީ ގަވައިދު ބަދަލެއް ނުކުރާނަމޭ. ޑޮލަރު ޖެހޭނީ މާރުކުރަން،" ރައީސް ވިދާޅުވި އެވެ.
ޑޮލަރު މާރުކުރަން ދެކޮޅު ހަދާ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ ޗަމްޕާ ގުރޫޕާއި ޔުނިވާސަލް ގުރޫޕް ހިމެނެ އެވެ. މި ދެ ކުންފުނީގެ ވެރިންނަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށް އެ ދާއިރާ ތަރައްގީކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންނެވެ.
އެބޭފުޅުންގެ ހިދުމަތް ބަލައިގަނެ ޝުކުރު އަދާކުރައްވަމުން ރައީސް މުއިއްޒު އެ ބޭފުޅުންނަށް އިލްތިމާސް ކުރެއްވީ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން، އެފަދަ ހިދުމަތްތެރިންގެ ފަރާތުން ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ނުދެއްވާ ރައްޔިތުންގެ ފަޅިއަށް އެރުމަށް އެދިވަޑައިގެންފަ އެވެ.
"ތިބޭފުޅުންގެ ނާޖާއިޒު ފައިދާ، ސިޔާސީ ގޮތުން ގައުމަށް ލޯބިނުކުރާ ދިވެހިންގެ ފަޅީގައި ނެތް ސިޔާސީ މީހުންނަށް ތިބޭފުޅުންގެ ފައިދާ ނާޖައިޒު ގޮތުގައި ނެގިޔަ ނުދެއްވާށޭ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ފަޅީގައި ރައްޔިތުންނާ އެކީގައި ތިޔަ ހިދުމަތްތެރި އިސްރަށްވެހިން އަޅުގަނޑުމެންނާއެކު ވަޑައިގަތުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާ އިން 4.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ގައުމަށް ލިބެ އެވެ. އެކަމަކު ރާއްޖޭގެ ބޭންކްތަކާ ހަމައަށް މިހާރު ލިބެނީ އެ ހަތަރު ބިލިއަން ޑޮލަރުގެ ތެރެއިން އެންމެ 1.5 ޕަސަންޓަށްވާ ޑޮލަރު ކަމަށް ވިދާޅުވި އެވެ. އެކަމަކު އާ ގަވައިދާ އެއްގޮތަށް ޑޮލަރު މާރުކުރަން ފެށުމުން ޓޫރިޒަމް ދާއިރާ އިން ލިބޭ ޑޮލަރު އާމްދަނީގެ 20 ޕަސަންޓް ބޭންކްތަކަށް ކޮންމެ އަހަރަކު މާރުކުރާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްއެމްއޭގެ ގަވައިދާ އެއްގޮތަށް ޑޮލަރު މާރުކުރުމުން އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިހާރު ކަޅު ބާޒާރުގައި ޑޮލަރު މާރުކުރަމުންދާ ދިއުމަށް ނިމުން އައުން ކަމަށެވެ. ދައުލަތުގެ ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު ހޯދަންޖެހުމުން ދައުލަތަށް މާލީ ބޮޑު ބުރައެއް އުފުލަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"ގަވާއިދަށް އަމަލުކުރަން ފެށުމުން އަންނަ އަހަރު ބޭންކް ރޭޓުގައި އެސްއޯއީތަކަށް ޑޮލަރު ގަނެވޭނެ ގޮތް ހަމަޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
ޑޮލަރު ގަވައިދަށް އަމަލުކުރަން ފެށުމުން ލިބޭ ފައިދާތައް
ޑޮލަރު މާރުކުރަންޖެހޭ ގަވައިދަށް އަމަލުކުރަން ފެށުމުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ލިބޭ 500 ޑޮލަރު 1،000 ޑޮލަރަށް އިތުރުކުރެވޭނެ އެވެ. އަދި ކްރެޑިޓު ކާޑުތަކުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް އިތުރުކުރެވޭނެ އެވެ. ގަވައިދުގައިވާ ގޮތަށް ކަންކަން ކުރިއަށްދާނަމަ މި ބަދަލު އަންނާނީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން މިކަމަށް ހުރަސްއަޅަންވީ ކީއްވެތޯ؟" ޑޮލަރު މާރުކުރަން ދެކޮޅު ހަދާ މީހުންނަށް ރައްދުދެއްވަމުން ރައީސް އެއްސެވި އެވެ.
ޓީޓީ ހަދައިގެން ރާއްޖެއިން ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް ބޭންކްތަކުން މިހާރު ދޫކުރާ ޑޮލަރުގެ މިންވަރުވެސް ޑޮލަރު މާރުކުރަންޖެހޭ ގަވައިދަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި އިތުރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހަދާފައިވާ ގަވައިދަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އޮތް ގަވައިދަކަށް ވާތީ އާއި އެ ގަވައިދުގެ ސަބަބުން ހުރިހާ ރައްޔިތުންނަށްވެސް ފައިދާތަކެއް ލިބޭނެތީވެ އެ ގަވައިދަށް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި އެ ގަވައިދު ތަންފީޒުކުރަން އެމްއެމްއޭ އަށް ފަސޭހަކޮށްދިނުމަށްޓަކައި ފޮރެކްސް ގާނޫނެއް ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.