ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް އަނިޔާކޮށް، މަރާލާފައި އޮއްވާ ފެނުނު އުމުރުން އެންމެ ދެ އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ ހަބަރާ އެކު ސޯޝަލް މީޑިއާ އާއި އޮންލައިން ނޫސްތަކަށް އަންނަ ކޮމެންޓްތައް ކިޔާލުމުން ވެސް ފެންނަމުންދަނީ އެކަން ކުރި މީހަކާ މެދު އޮތް ރުޅިވެރިކަމެވެ. މައުސޫމް އިބްތިހާލާ މެދު ހަމްދަރުދީގެ ބަސްތަކެވެ. ނަމަވެސް އިބްތިހާލްގެ މަރުގައި ކުށްވެރިވަނީ ހަމައެކަނި އެކަމުގެ ތުހުމަތު ކުރެވޭ އޭނާގެ މަންމަ އެކަނި ހެއްޔެވެ؟ އެކަމުގައި އޭނާގެ މަންމަ ކުށްވެރިވެއްޖެ ނަމަ އޭނާއަށް އަދަބު ދިނުމުން އެކަން ނިމުނީ ހެއްޔެވެ؟ އެއީ އިބްތިހާލަށް އިންސާފު ހޯދައި ދެވުނީ ކަމަށް ބެލޭނެ ހެއްޔެވެ؟ މިއީ އުފައްދަންޖެހޭ ސުވާލުތަކެވެ.
ރާއްޖެއަކީ ތުއްތު ކުދިން މެރުމާއި އެ ކުދިންނަށް އަނިޔާ ކުރުމުގެ ދިގު ތާރީޚެއް އޮތް ގައުމެކެވެ. ނަހަލާލަށް ވިހާފައި ތުއްތު ކުދިން ތަންތަނަށް އުކުމާއި ކުދިން ވިހާފައި މެރުމާއި ކުދިންނާ މެދު އިހުމާލުވުމުގެ ސަބަބުން އެ ކުދިންނަށް ވީނުވީއެއް ނޭނގި ގެއްލުމުގެ އިތުރުން ލާ އިންސާނީ އަނިޔާތައް ކުޑަކުދިންނަށް ދިނުމަކީ ކުރިން ވެސް ރާއްޖޭގައި ހިނގާފައިވާ ކަންކަމެކެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އެ ކުށްކުރި މީހަކަށް އަދަބު ދެނީ އެވެ. އެކަމަކު އެއީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ގެނެވޭ ހައްލެއްތޯ ސުވާލު އުފެދެ އެވެ.
ރަކީދޫ ކައުންސިލުންނާއި އެރަށު މީހުންގެ ވާހަކަތަކުން ވެސް އެނގުނު ގޮތުގައި އިބްތިހާލަށް މީގެ ކުރިން އެތައް ފަހަރަކު އަނިޔާކޮށްގެން އޭނާގެ މަންމައަށް އެތައް ފަހަރަކު ނަސޭހަތް ދީފައިވެ އެވެ. އަދި އެކަން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުމުން ދައުލަތުގެ ބެލުމުގެ ދަށަށް އިބްތިހާލް ގެންދަން މަސައްކަތް ކުރި އެވެ. ނަމަވެސް އިތުރަށް އަނިޔާ ނުކުރާނެ ކަމަށް ބުނުމުން އިބްތިހާލް ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދިޔައީ އެވެ. އެކަމަކު އެއީ ޖެންޑާ މިނިސްޓްރީގެ ޒިންމާ އެކަމުގައި އަދާކޮށްފައިވާ ކަމަށް ބެލެވޭނެ ސަބަބެއް ހެއްޔެވެ؟
އާންމު އުސޫލެއް ގޮތުން، ކުއްޖެއްގެ މަންމަ ކުއްޖާ ހަވާލުކުރަން އެއްބަސް ނުވާ ނަމަ ޖެންޑާ މިިނިސްޓްރީ އަށް "ކުރެވޭނެ ކަމެއް ނޯވެ" އެވެ. އެއީ ކުރިމަތިވާ ގާނޫނީ ސަބަބުތަކާ ހެދި ކަމަށް މީގެ ކުރިން ދިމާވެފައިވާ އެކި ހާދިސާތަކުގައި މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ދަށުން ވެސް ކުޑަކުދިންނަށް އަނިޔާ ކުރުމަކީ ޖިނާއީ ކުށެކެވެ. ކުޑަކުދިންނަށް އަނިޔާ ކުރުން ކުށަކަށް ވަނީ އެ އަނިޔާތަކުގެ ސަބަބުން އެ ކުއްޖާ މަރުވުމުން ނުވަތަ ނުކުޅެދޭ ކުއްޖަކަށްވުމުން އެކަންޏެއް ނޫނެވެ. މީގެ އަހަރުތަކެއް ކުރިން ކުޑަކުއްޖަކު ބަސް ނާހާތީ ކަމަށް ބުނެ އެ ކުއްޖާގެ ގައިގައި އިސްތިރިއެއް ޖެއްސި މީހަކަށް ވެސް ކޯޓުން އަދަބު ދީފައިވެ އެވެ. އަދި ކުޑަކުއްޖަކާ މެދު މައިންބަފައިން އިހުމާލުވުމުގެ ސަބަބުން އެ ކުއްޖާއަށް ވީނުވީއެއް ނޭނގި ގެއްލުމުން އެ ކުއްޖާގެ ދޮންމަންމަ އާއި ބައްޕަ ގޭގައި ބަންދުކުރަން ވެސް ކޯޓުން ހުކުމްކުރި އެވެ. މިއީ އޭގެ ދެތިން މިސާލެކެވެ. އެހެން އެކަން އޮތްއިރު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރާ ކަން ޖެންޑާ މިނިސްޓްރީއަށް އެނގި ތިބެ އެ މައްސަލަ ކުރިން ނުބެލީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދައުލަތުގެ ބެލުމުގެ ދަށަށް ނުގެންދިޔަޔަސް އޭނާއަށް އަނިޔާކުރި މައްސަލަ ޖިނާއީ ކުށެއްގެ ގޮތުގައި ވެސް ނުބެލުމަކީ އެ މިނިސްޓްރީގެ ޒިންމާ އެކަމުގައި ޒިންމާ އަދާ ކުރިކަމާ މެދު ސުވާލު އުފެއްދުމުގެ ޖާގަ ލިބޭ ކަމެކެވެ.
މީގެ ދެ އަހަރު ކުރިން 2012 ގައި ގެއެއްގެ ފާޚާނާ ތެރޭގައި އަންހެނަކު ކުއްޖަކު ވިހެއިކަން އެނގި ތިބެ ވެސް ޖެންޑާއިން އެކަން މާބޮޑު ކަމަކަށް ނުހަދައި، އެ ކުއްޖާ އެ ކުއްޖާގެ މަންމައާ ހަވާލުކުރި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެ އަންހެން މީހާ އެ ކުއްޖާއާ މެދު އިހުމާލުވުމުގެ ސަބަބުން އެ ކުއްޖާ މަރުވި އެވެ. އެ މައްސަލައިގައި އެ އަންހެން މީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރުމުން ޖެންޑާއިން ވަނީ އެ އަންހެން މީހާ ބަންދުން މިނިވަންކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވައިފަ އެވެ. ގާޒީއަކަށް ހުންނަވައިގެން އޭރު އެ މައްސަލަ ބެއްލެވި މިހާރުގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވެސް އޭރު ވިދާޅުވެފައި އޮތީ އެ ކުއްޖާ މަރުވުމުގައި ދައުލަތު އިހުމާލު އޮތް ކަމަށެވެ. މިއީ ކުޑަކުދިންނާ ގުޅޭ މިފަދަ ބައެއް ކަންކަމުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތްކަން ދައްކުވައިދިން ކަމެކެވެ.
ގާނޫނު އަސާސީންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންނަކީ ޚާއްސަ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ބައެކެވެ. އެ ކުދިންނަށް ރައްކާތެރިކަން ދިނުމަށް ދައުލަތުގެ މައްޗަށް ވެސް ގާނޫނު އަސާސީން ލާޒިމްކޮށްފައިވާއިރު ކުޑަކުދިންނާ ދެކޮޅަށް ލާ އިންސާނީ އެތައް ޖަރީމާތަކެއް ހިންގާއިރު ބައެއް ފަހަރު އެކަން މާބޮޑު ކަމަކަށް ނަހަދައި އޮތުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. ވަކިން ޚާއްސަކޮށް ދައުލަތުގެ މުއައްސަސާއަކުން އެފަދަ ކަންކަމުގައި އިހުމާލުވާ ނަމަ އެއީ ވަކިން ނުރައްކާތެރި ކަމެކެވެ. ދައުލަތުގެ މުއައްސަސާތައް ހޭލަން ޖެހޭނީ ކޮންމެ ފަހަރަކު މައުސޫމު ކުއްޖެއްގެ ފުރާނަ ދުއްވާލުމަކުނެއް ނޫނެވެ.
ކުޑަކުދިންނަށް އަނިޔާ ކުރުމުން ނުވަތަ މަރާލުމުން ކޮންމެ ފަހަރަކު އެކަން ކުރާ މީހަކަށް ގާނޫނުގައި އޮންނަ އަދަބު ދިނުމަކީ އެފަދަ ކަންކަން ހުއްޓުވޭނެ ކަމެއް ނޫނެވެ. އެގޮތަށް އަދަބު ދީގެން އެކަން ހުއްޓުވޭ ނަމަ ރާއްޖޭގައި ކުޑަކުދިންނަށް އަނިޔާ ކުރުން ހުއްޓުނުތާ އެތައް އަހަރެއް ވީހެވެ. އޭގަ ބަދަލުގައި އެފަދަ މީހުން އަދަބު ދިނުމާ އެކު އެކަންކަން ހުއްޓުވޭނެ ފަދަ ގޮތަކަށް ސަރުކާރުގެ މުއައްސަސާތަކުގެ އުސޫލުތައް ބަދަލުކުރަންޖެހެ އެވެ. ކުޑަކުދިންނަށް އަނިޔާކުރާ ކަމަށް ބެލެވޭ ނަމަ ދައުލަތުގެ މުއައްސަސާތަކުން އެކަންކަމަށް ފާރަވެރިވާން ޖެހެއެވެ. އެހެނީ ބައްޔެއް ފެތުރުމުން އެ ބަލި ޖެހިފައި ތިބި މީހުން މަރާލުމަކުން އެ ބައްޔެއް ކޮންޓްރޯލެއް ނުކުރެވޭނެ އެވެ. އެ ބަލި ކޮންޓްރޯލް ކުރެވޭނީ އެއަށް ރަނގަޅު ފަރުވާއެއް ހޯދައިގެންނެވެ.