ހަބަރު

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭ ފަށައިފި

މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭ މިއަދު މާލޭ ސަރަހައްދުގައި ފަށައިފި އެވެ.

ބައިނަލްއަގުވާމީ ފެންވަރެއްގައި، އާބާދީއާއި ސިއްހަތާއި ގުޅުންހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްހީ ހާލަތާއި ހިދްމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކޮންމެ ފަސް އަހަރަކުން އެއް އަހަރު ނުވަތަ އެ ގައުމަކުން ކަނޑައަޅާ ދުރުމިނެއްގައި ގައުމުތަކުގައި ކުރާ މި ދިރާސާ ރާއްޖޭގައި އެންމެ ފުރަތަމަ ކޮށްފައިވަނީ 2009 ވަނަ އަހަރު އެވެ.

ހެލްތް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ މައިގަނޑު ސިއްހީ ހާލަތު ދެނެގަނެވި މުސްތަގްބަލުގައި ސިއްހީ ކަންކަން ކަނޑައެޅުމަށް ބޭނުންވާ މިންގަނޑުތައް މި ދިރާސާގެ ތެރެއިން އެނގިގެންދާނެ ކަމަށެވެ. ބައިނަލް އަގްވާމީ ފެންވަރުގައި ރާއްޖެ އޮތް ހާލަތު މި މައުލޫމާތުގެ އަލީގައި ވަޒަން ކުރެވިގެންދާނެ ކަމަށް ވެސް ބުންޏެވެ.

ސާވޭގައި މައިގަނޑު ގޮތެއްގައި ބަލައިލެވޭ ބައިތަކަކީ:

  • ދަރިމައިވުމުގެ ނިސްބަތް ނުވަތަ ފަރޓިލިޓީ ލެވެލް
  • ޅަފަތުގައި ކުދިން މަރުވާ ނިސްބަތް
  • ދަރިމައިވުމުގައި މީހުން އިހްތިޔާރު ކުރާގޮތް
  • އާއިލާ ރޭވުމުގެ ވަސީލަތްތައް ބޭނުންކުރެވޭ ނިސްބަތް
  • މައިންނާއި ޅަދަރިންގެ ސިއްހީ ހިދުމަތް ބޭނުންކުރެވޭ ގޮތާއި މިންވަރު
  • އަންހެނުންނާއި ކުޑަކުދިންގެ ކާނާގެ ހާލަތު ހުރި ގޮތް
  • ގައިންގަޔަށް އަރާބަލިތަކާއި ގައިންގަޔަށް ނާރާ ބަލިތަކާބެހޭ މައުލޫމާތު ލިބިފައިވާ މިންވަރާއި ބަލިތަކާމެދު ދެކޭގޮތާއި މީހުންގެ އަމަލުތައް ބަހައްޓާ ގޮތް

ހަ މަހާއި 8 މަހާއި ދެމެދުގެ މުއްދަތެއް ސާވޭގެ ފީލްޑް މަސައްކަތަށް ނަގާނެކަމުގައި މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މިފަހަރު މުޅިއަކު 8936 އަންހެނުންނާއި 4481 ފިރިހެނުން ބައިވެރިކުރުމަށް މާލެސިޓީއާއެކު މުޅިއެކު 147 ރަށުގައި ސާވޭ ކުރުމަށް ހޮވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ސާވޭގައި އެއްކުރެވޭ މައުލޫމާތަކީ ވަރަށް ސިއްރުވެރި ކަމާއެކު އެއްކުރެވި ބެލެހެއްޓޭނެ މައުލޫމާތުތަކެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.