މާލޭގެ ރަސްމީ ފާލަން -- އިއްޒުންދީން ފާލަން މަރާމާތު ކުރުމަށް އެ ސަރަހައްދު ބަންދުކޮށްފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އިއްޒުއްދީން ފާލަމުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނެސް އަލުން އެ ފާލަން ހެދީ އެމްޓީސީސީ އިންނެވެ.
އިއްޒުންދީން ފާލަން އަލުން މަރާމާތުކުރުމަށްވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. ނަމަވެސް މިކަމުގެ ތަފްސީލް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އިއްޒުންދީން ފާލަން އާންމު ގޮތެއްގައި ބޭނުންކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ދަތުރުތަކަށާއި، ސަރުކާރުގެ ހާއްސަ މުނާސަބަތުތަކަށާއި ރާއްޖެ ވަޑައިގަންނަވާ ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެނައީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އެކަން ފާހަގަކުރުމަށެވެ. އޭރު އިއްޒުންދީން ފާލަން ހަދާފައިވަނީ ރިޔާ ދޯންޏެއް ދުރަށް ސިފަވާ ގޮތަށެވެ.
އިއްޒުންދީން ފާލަމުގެ ފިލާ ޑެކް ހާއްސަ ރަސްމިއްޔާތުތަކަށް މަރާމާތުކޮށް ރީތިކޮށް ހެދި ނަމަވެސް ފާލަމުގެ ރިޔާގެ ބައި މަރާމާތު ނުކުރާތީ އެ ބައިގެ ދަގަނޑު ފްރޭމުގައި ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހާފަ އެވެ.