ހަބަރު

ފިއްތުންތަކަށް ރައީސް ދެއްވާ ޖަވާބަކީ ކެތްތެރިކަމާއި ތަރައްގީ: ސައީދު

ބޭރު ދުނިޔޭ ގައުމުތަކުގެ ފިއްތުންތައް ބޮޑު އިރުވެސް ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެންނަވަމުން ގެންދަވަނީ ހަލުވި ތަރައްގީއެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ސައީދު ވިދާޅުވީ، ނުވާނެ ކަމަށް ހީކުރެވުނު އެތައް ކަމެއް ރައީސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މެޑަމް ފާތިމަތު އިބްރާހިމްގެ އިންތިޒާމްކުރައްވާ ރައީސް ޔާމީން ކެމްޕެއިން މަހާސިންތާގެ ތިންވަނަ ބުރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގެ ބޭބޭފުޅުންނާ ބައްދަލުވުމުން އެ ބޭފުޅުން ރާއްޖެ ހޯދަމުންދާ ތަރައްގީއަށް ތައުރީފުކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންނަށް އެ ބޭފުޅުން ސާބަސް ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެއް އިރެއްގައި އިންޕޮސިބަލް ކަމަށް ބެލެވުނު މަސައްކަތްތައް ތިންސަތޭކައެއްހާ މީޓަރު ދުރުން މި އޮތް ދަނީ ފެންނަމުން، މާލެއާއި ހުޅުލޭ ގުޅުވައިދޭ ބްރިޖް އެ ދަނީ އެޅެމުން، ހުޅުލޭ އެއާޕޯޓްގެ މަސައްކަތް ފެށުމަށް އެ ދަނީ ތައްޔާރުވަމުން ހަމަ ހަފުތާއެއް ތެރޭ އެ މަސައްކަތް ފެށުމަށް އެ އޮތީ ތައްޔާރުވެފައި، ހުޅުމާލެ އެ ވަނީ ހިއްކިފައި، ބިޔަ އެތައް ބޮޑު މަޝްރޫއެއް،" ސައީދު ވިދާޅުވި އެވެ.

"ކީކޭތީ އަޅުގަނޑުމެން ގައުމުތަކަށް ދިޔައީމަ އަހަނީ، ކިހިނެއްހޭ ކޮން ވިސްނުމަކުންހޭ ތި ހުރިހާ މަސައްކަތެއް ކުރަނީ، ކާކުގެ ވިސްނުމެއްހޭ، މި ގައުމަކަށް ކޮންސަލްޓީ ދޭން އިތުރު މީހެއް ނެތް، މި ގައުމަށް ރައީސް ޔާމީންގެ މެނިފޯސްޓާގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކަނޑައެޅިގެން އެ ކުރައްވަނީ،"

މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ހޯދަވަމުންގެންދަވާ އިގްތިސާދީ ތަރައްގީގެ ސަބަބުން މުޅި އޭޝިޔާ، އެމަނިކުފާނާމެދު ފަހުރުވެރިވާ ކަމަށާއި، ކޮންމެ ގައުމެއްގެ ވެރިއަކު ވެސް ރައީސް ޔާމީންނަށް ކުރައްވަނީ ތައުރީފު ކަމަށެވެ.

"މިއަދު އަޅުގަނޑު ދިވެހި ޒުވާނުންނަށް ގޮވާލަނީ ގައުމަކަށްޓަކައި މި ގައުމުގެ މުސްތަގުބަލަށްޓަކައި ހިތްވަރު ހުންނާށޭ ރައީސް ޔާމީން ފަދަ ލީޑަރަކަށް 2018 ގައި ވެސް ކެރިގެން އެއްލައްކަ ދިހަ ހާސް ހަމަވާނަމަ އެ އެއްލައްކަ ދިހަ ހާސް ވޯޓަކީ ތީގެ ތެރެއިން ކޮންމެ ޒުވާނަކު ވެސް ހިއްސާވާ ވޯޓަކަށް ހަދާމާށޭ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވަނީ މިއަދު ސަރުކާރުގެ ސިޔާސަތުތަކާއި ދެ އަހަރެއްހާ ދުވަހު ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުގެ ސިޔާސަތުތަކާ އަޅާކިޔައި، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު، ރާއްޖެއަށް އިސްރޭއިލްގެ ޑޮކްޓަރުން ގެނެސް ބޮޑު ޖަރީމާއެއް ހިންގިއިރު ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަކީ، އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުން ކަމަށެވެ. ރައީސް ނަޝީދު އިސްލާމްދީނާ ހިލާފުވާ ވާހަކަތައް ދެއްކެވިއިރު ރައީސް ޔާމީންގެ ސިޔާސަތަކީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުން ކަމަށެވެ.

ރާއްޖޭގެ އާ ނޫޓް ސީރިސް ނެރެ އާ ޕާސްޕޯޓް އުފައްދައި، ޒަމާނީ ތަރައްގީއަށް ފަހިވާނެ ގައުމަކަށް ހެދުމުގެ މަސައްކަތް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރަށްތައް އަޑިއަށް ގޮސް އެހެން ތަނަކަށް ހިޖުރަކުރަންޖެހޭނެ ކަމަށް ވިދާޅުވެ، އިންވެސްޓަރުން ބިރުގަންނަވާލި ރައީސްއަކީ ރައީސް ނަޝީދު ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަމުން ދުވާލަކު 725 ޑޮލަރު ކޮންމެ ދުވަހަކު ލިބޭ ހަމައެކަނި ގައުމު ރާއްޖެ ކަމަށާއި ބޮއިކޮޓްކުރުމަށް ގޮވަމުންދާއިރު ވެސް ރާއްޖޭގެ ފަތުރުވެރިކަން ދަނީ ތަރައްގީވަމުން ކަމަށެވެ.