ރައްޔިތުންގެ މަޖިލިސް

ހުސް ބަޓަނަށް އޮބާ "ބޮޓަކަށް" ނުވާނަން: އަބްދުއްރަހްމާން

ރައްޔިތުންގެ މަޖިލީހުގައި ހުސް ބަޓަނަށް އޮބާ "ބޮޓަކަށް" ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހްމާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަޑު އިއްވަން ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ފޮނުވާފަ ތިބި ރައްޔިތުންގެ މަންދޫބުން އަނގަ ބަންދުކޮށް ބަޓަނަށް އޮބާ "ބޮޓުންނަށް" ބަދަލުކުރުމުން އެތަނަށް ރައްޔިތުންގެ މަޖިލިސް ކިޔޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ދާއިރާ ރައްޔިތުން ވިއްކައިގެން މަޖްލީހަށް ވަދެ ހަމަ ބޮޓުންގެ ގޮތުގައި ތިބެން މިދާއިރާތަކުގެ ރައްޔިތުން ރުހޭނެތޯ މިވެސް އަޅުގަނޑު އުފެދޭ ސުވާލެއް،" އަބްދުއްރަހްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ބޮޓުން" ސާފުވާނެ ވޯޓެއް މަޖިލީހުގައި ވަރަށް އަވަހަށް ނެގޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުން ބަޔަކު ޖަހާހާ ބެރަކަށް ނަށާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި މެންބަރުންގެ އިއްޒަތާއި ގަދަރުގައި ދިވެހި ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރެވޭނެ ހާލަތެއްގައި ތިބޭ ބަޔަކަށްވާން އެދޭ ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.

"ޔަގީނުންވެސް އައްޑޫ މީދޫ ދާއިރާގެ މެންބަރު ހުސް ބަޓަނަށް އޮބާ ބޮޓަކަށް ނުވާނެ. މިހެން ބުނެވޭނީ ކިތަށް ދާއިރާގެ މެންބަރުންނަށް؟،" މެންބަރު އަބްދުއްރަހްމާން ވިދާޅުވި އެވެ.

އަބްދުއްރަހްމާން މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ "ބޮޓުން" ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ނުދެއްކެވުމަށް މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންނެވި އެވެ.