އޮފްބީޓް

އިވުނީ ބަޑީގެ އަޑުު، އަމިއްލަ އަޑެއް ނުނިކުތް!

"އަހަރެންގެ ހުވަފެނަކީ ވިނަ ހައްދާފައި އޮތް ދަނޑެއްގައި ފުޓްބޯޅަ ކުޅެލުން،" ފުޓްބޯޅައަށް އިންތިހާއަށް ލޯބިކުރާ ފަސް އަހަރުގެ އައިމަން ބުންޏެވެ. އައިމަންއަކީ ކާކު ހެއްޔެވެ؟ އޭނާއަށް ދަނޑެއްގައި ފުޓްބޯޅަ ނުކުޅެވެނީ ކީއްވެ ހެއްޔެވެ؟

ފުޓްބޯޅައަށް އައިމަން ލޯބިކުރި ނަމަވެސް އޭނާގެ ހަޔާތުގައި ހަނގުރާމަ ނޫން އެއްޗެއް އޭނާއަށް ދަސްވެފައެއް ނެތެވެ. ހަނގުރާމާގެ އަޑުފަތްގަނޑުން ކުރިމަގުގެ ފުޓްބޯޅަ ކުޅުންތެރިޔާ ވަނީ މަނުކޮށްލާފަ އެވެ.

އައިމަން މި ދުނިޔޭގެ އަލިކަން ދެކުނީ 2011 ވަނަ އަހަރު އެވެ. އެއީ ސީރިއާގެ ދާހިލީ ހަނގުރާމަ ފެށިގެން އައި އަހަރެވެ. ތުއްތު ކުދިންނަށް ނާނާ ކިޔައިދޭ އުސޫލުން، އައިމަން އިވިފައިވަނީ ބަޑީގެ އަޑެވެ. ބޮން ގޮވާ އަށެވެ.

"އައިމަންއަށް ނިދޭވަރެއް ނުވޭ، އިވޭ އަޑުތަކުގެ ސަބަބުން،" އައިމަންގެ މަންމަ ރަނާ ބުންޏެވެ. "އަހަރެމެން އެންމެން ވެސް ތިބެނީ ބިރުން، ނުވެސް ނިދޭ، އައިމަން މުޅި ރޭ އޮންނަނީ ރޯން،"

ހަނގުރާމާގެ ސަބަބުން ސީރިއާއަށް އެކަށީގެންވާ ކާނާ ލިބުން ވަނީ ދަތިވެފަ އެވެ. ބޭނުންވާ ނިއުޓްރިޝަން ނުލިބުމުގެ ސަބަބުން ރަނާއަށް އައިމަންއަށް ގާތުން ކިރުދެވޭ ވަރަށް ކިރު އުފެއްދިފައެއްވެސް ނުވެ އެވެ. ހަނގުރާމައަށް ދެ އަހަރުވީިއރު އައިމަންއަށް ވެސް ދެ އަހަރު ވެއްޖެ އެވެ. އައިމަން ކުޅެއް ބޭރަށް ނިކުންނަން ފަށައިފި އެވެ. މިކަމާ އޭނާގެ ބައްޕަ ބިރުގަނެ އެވެ. އެހެންކަމުން ދެން އައިމަންއަށް ކުޅެން ޖެހުނީ ގޭ ތެރޭގަ އެވެ. އޭނާގެ ދެ ބޭބެއާއެކުގަ އެވެ.

ދެ އަހަރުވެގެން ދިޔައީ އައިމަން ވާހަކައެއް ނުދައްކަ އެވެ. މަނު ކުއްޖަކަށް އައިމަންވީ އެވެ. ސަބަބެއް ކަމަށް އާއިލާއިން ގަބޫލުކުރަނީ، ހަނގުރާމަ އެވެ. އިވުނު އަޑުތަކާއި ކުރި އަސަރުތަކުން އައިމަންއަށް ވާހަކަ ނުދެއްކެނީ އެވެ. ހަމައެކަނި އަޑެއް ނޫނެވެ. އެތަކެއް މަންޒަރުތައް ވެސް ކުޑަ އައިމަންއަށް ވަނީ ފެނިފަ އެވެ. ހަތިޔާރު އެޅިން ސިފައިންނާއި މަގުމަތީ ލެޔާ ތަތްތެޅިފައިތިބޭ މީހުންނެވެ.

"އޭނާއަށް ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށް، އަޑުތަކެއް ލައްވަނީ،" ރަނާ ބުންޏެވެ. "އަހަރެން ބޭނުންވަނީ އޭނާގެ އަޑުން މާމާ ނޫނީ ބާބާއޭ ބުނާ އަޑުއަހަން،"

ހަނގުރާމައަށް ތިން އަހަރުވީ އެވެ. ތިން އަހަރުގެ އައިމަންއާއެކު އޭނާގެ މައިންބަފައިން ނިންމީ އުފަން ގައުމު ދޫކޮށްލާށެވެ. އެގޮތުން ޖޯދާންގެ ބޯޑަރަށް ރެފިއުޖީންގެ ގޮތުގައި އެ އާއިލާ ދިޔަ އެވެ. އެ ސަރަހައްދުގައި ހުރި ރެފިއުޖީ ކޭމްޕެއްގައި އިތުރު 10،000 ސީރިއާގެ ރެފިއުޖީންނާއެކު ދިރިއުޅެން ފެށީ އެވެ. މިހާރު ގެއަކީ ޓެންޓެކެވެ. ކަރަންޓު ލިބެނީ ހަވީރު ހަތަރަކުން މެންދަމު ތިނަކަށެވެ. ވާރޭ ވެހޭނަމަ ޓެންޓަށް ވާރޭ ވިއްސަ އެވެ. ރެފިއުޖީއެއްގެ ގޮތު ދިރިއުޅުންވީ އެ އާއިލާއަށް ވޭނަކަށެވެ.

"އަހަރެމެންނަށް ކޭމްޕުގަިއ އުޅެން ވަރަށް އުނދަގޫވި، އާ ތަނަކަށް ހޭނެން ވަރަށް އުނދަގޫވި، އަހަރެން ހަނދާންވޭ ރޮމުން ހޭލެވޭ ހަނދާން ޓެންޓު ތެރޭގައި، އަހަރެންނަށް ނުނިދޭ، އަހަރެން ޑިޕްރެސްވި، އަދި އައިމަން ވާހަކަ ނުދެއްކޭތީ އެވީ ރިހޭ ފައިމައްޗަށް ފޮއިވެއްޓުމަށް،" ރަނާ ބުންޏެވެ.

މިހާރު އައިމަންއަށް ހަނގުރާމާގެ އަޑެއް ނީވެ އެވެ. ނަމަވެސް އައިމަންގެ އަޑެއް މިހާރު އެހެން މީހަކަށް ނީވެ އެވެ.

ކޭމްޕްގައި އައިމަން އުޅޭތާ ދެ އަހަރުވީ އެވެ. އެހީއެއް ލިބުނީ ދެނެވެ. އައިމަންގެ މަންމަ، ލިޓްލް ހޭންޑްސް ނަމަކަށްކިޔާ ޖަމިއްޔާއެއްގައި އައިމަންގެ ނަން ނޯޓްކުރި އެވެ. މި ޖަމިއްޔާއަކީ، ހަނގުރާމާގައި ގެއްލުންވެފައިވާ ތިބޭ ކުދިންނަށް އެހީވެދޭ ޖަމިއްޔާއެކެވެ. އައިމަން އެމީހުން ކައިރިއަށް ތިން ދުވަހު ދިޔަ އެވެ. އައިމަންއަށް ކުޅެ، ލިޔެ އެކިކަހަލަ އެކްޓިވިޓީސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

އެ ޖިމިއްޔާގެ ޓީޗަރެއް ކަމަށްވާ ސަފިއްޔާގެ ފަރާތުން އައިމަންއަށް ގިނަ އެހީތަކެއް ލިބުނެވެ. ސަފިއްޔާއަކީ ޖޯދަންގެ އަންހެނެކެވެ. ދަރިން ނުލިބޭ އަންހެނެކެވެ. އައިމަން ދިރިއުޅޭ ކޭމްޕްގެ ހުރިހާ ކުދިންނަކީ ވެސް އޭނާގެ ދަރިންނެވެ. އެކުދިންނަށް ކިޔވައިދީ، ހަނގުރާމާގެ ސަބަުން ކޮށްފައިވާ އަސަރު ކުޑަކުރުމުގެ މަސައްކަތް ސަފިއްޔާ ފެށި އެވެ.

"ފުރަތަމަ ދުވަސްކޮޅު އައިމަން ވަރަށް ރުޅިގަދަ، ނަމަވެސް ދުވަސްކޮޅަކުން އޭނާގެ ރުޅި މަޑުވާން ފެށި، އަދި އެހެން ކުދިންނާއެކީ އުޅެ، ވާހަކަ ދެއްކުމަށް ވަރަށް މަސައްކަތްކުރި، އެންމެފަހުން އޭނާއަށް ވާހަކަ ދެއްކެއް ފެށީ،" ސަފިއްޔާ ބުންޏެވެ.

ކޭމްޕްގައި ހެދި ސްކޫލްގައި އައިމަން ހޯދަމުންދިޔަ ކުރިއެރުންތަކުގެ ވާހަކަ އައިމަންގެ މައިބަފައިންނަށް ސަފިއްޔާ ދިޔައީ ހިއްސާކުރަމުންނެވެ. އަދި ގޭގައި އައިމަންއަށް ކޮށްދެވޭ ކަންތައްތަކުގެ އިރުޝާދު ވެސް ދިޔައީ ދެމުންނެވެ.

ކްލާސްރޫމް ބޭރުގައި ޕްލޭގްރައުންޑެއް ވެސް އައިމަންއަށްޓަކައި ގާއިމުކުރެވުނެ އެވެ. އުނދޯންޏާއި ސޮންދާފިލާ ބަހައްޓާފަ އެވެ. މިހާރު އައިމަން ވަނީ ހަނގުރާމަ ހަނދާން ނެތިފަ އެވެ. ސްކޫލްގައި ނޫޅޭ ވަގުތުތަކުގައި އޭނާ ކުރާ ކަމަކީ ފުޓްބޯޅަ ކުޅުމެވެ. ބޭބެމެން އަދި އަވަށްޓެރި ކުދިންނާއެކު ފުޓްބޯޅަ ކުޅުމަކީ އޭނާ އެންމެ ލޯބިކުރާ ކަމެެވެ.

"އައިމަން މިހާރު ވަރަށް ވާހަކަ ދައްކާ، އަހަރެން މި ހުންނަނީ ވަރަށް ހިތްހަމަ ޖެހިފައި، އަދި ސްކޫލުން ދަސްވާ އެއްޗެހި އެހެން ކުދިންނަށް ވެސް ބުނެދީ ހަދާ،" ރަނާ ބުންޏެވެ.

ހަނގުރާމާގެ ސަބަބުން މަނުވި އައިމަން މިހާރު ވާހަކަ ދައްކަ އެވެ. މަޖާކޮށް ސަކަރާތް ވެސް ޖަހަ އެވެ.

އައިމަންގެ ވާހަކަ އަޑުއަހާ، އޭނާއަށާއި ހަނގުރާމާގެ ސަބަބުން ގެއްލުންވެފައިވާ ކުޑަކުދިންގެ ހައްގުގައި ފުޓްބޯޅަ އައިކަން އަދި ގްލޯބަލް އާޓިސްޓް އެންބެސެޑާ ފޯ ސޭވް ދަ ޗިލްޑްރެން ކްރިސްޓިއާނޯ ރޮނަލްޑޯ ވަނީ އައިމަންގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.